ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ތެލުން ވައްކަންކޮށް ފައިސާ ލޯންޑާކުރި މައްސަލައާ ގުޅިގެން ބާއްވަން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ތާވަލުކޮށްފައިވަނީ މި މައްސަލައިގައި އެފްއެސްއެމްގެ މައި ކުންފުނި އެސްޓީއޯ އާ ބައްދަލުކުރުމަށެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. ކޮމިޓީގެ އިއްތިފާގުން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.

ފުލުހުން މި މައްސަލަ ބަލަމުންދާ ކަން ހާމަކުރައްވައި މި މަހުގެ ފުރަތަމަ ދުވަހު 'އެކްސް'ގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ލިޔުއްވިގޮތުގައި:

  • 10 މީހަކާއި ދެ ގެއަކާއި ދެ ބާޖެއް ބަލައި ފާސްކޮށްފައިވޭ
  • މައްސަލައާ ގުޅުންހުރި ލިޔެކިއުންތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް ހޯދާފައިވޭ

މި މައްސަލައިގެ ތަހްގީގު ކުރިއަށްދާ ވަރަކަށް ފުލުހުންގެ ފަރާތުން އިތުރު ތަފްސީލު ހާމަކުރަމުން ދާނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

މީގެ ކުރިން ވެސް މިފަދަ މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން އެމްޕީއެލަށް ޑެލިވަރީ ނުކުރާ ތެޔޮތަކެއް އެ ކުންފުންޏަށް ލިބުނުކަމަށް ބަޔާންކޮށް 119 ޑެލިވަރީ އޯޑަރަކަށް އެމްޕީއެލުން އެފްއެސްއެމަށް ފައިސާ ދޫކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން މި އަހަރުގެ ކުރީކޮޅު ބުނެފައިވެއެވެ.

މި މައްސަލައިގައި އެފްއެސްއެމްގެ ތިން މުވައްޒަފަކަށާއި އެމްޕީއެލްގެ ދެ މުވައްޒަފަކަށް ދައުވާކުރަން ފޮނުވާފައިވެއެވެ.