ހުޅުމާލެ ފޭސް 1ގައި އިތުރު ސުކޫލެއް އެޅުމަށް އެޗްޑީސީއާއި ވިލާ އެޑިއުކޭޝަނަލް ސާވިސެސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ، ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސުކޫލުގައި 6 ފުލޯ ހުންނާނެ ކަމަށެވެ.

ޖުމްލަ 761 ދަރިވަރުންގެ ޖާގައިގައި ހުންނަ މި ސުކޫލުގައި 20 ކްލާސްރޫމް ހުންނައިރު މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އިތުރަށް ބުނީ، ރޮބޮޓިކް ލެބް ވެސް މި ސުކޫލުގައި ގާއިމްކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ، ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސުކޫލު ހުޅުމާލެގައި ގާއިމްކުރުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

އެޗްޑީސީއާއި ވިލާ އެޑިއުކޭޝަނަލް ސާވިސެސްއާ ދެމެދު ވި މިއެއްބަސްވުމުގައި ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓާ އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އެޗްޑީސީން ދަނީ ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރެވޭނެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިމަހު މެދުތެރޭފައު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރާ 4 ސްކޫލާކާއި، އަމިއްލަ ފަރާތެއް ސްކޫލެއް އަޅަން އެޗްޑީސީން ބިން ހަވާލުކޮށްފައެވެ.