މެލޭޝިއާގެ އާ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި އަންވަރު ބޮޑުވަޒީރަކަށް އައްޔަނުކޮށްފައި ވަނީ ހުސްވި ހަފްތާގައި ބޭއްވި މެލޭޝިއާގެ އާންމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމުން ގުޅިފައިވާ ޕާޓީތަކުން އުފެއްދި ސަރުކާރުންނެވެ.

އަންވަރު ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައި ވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

މަރުހަބާ ދަންނަވައި ރައީސް އަންވަރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، އަންވަރުގެ ވެރިކަމުގައި މެލޭޝިއާގެ ރައްޔިތުންނަށް އިތުރު އުފާ ފާގަތިކަމާއި ކާމިޔާބީ އަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، އަންވަރުގެ ވެރިކަމުގައި ރާއްޖެ އާއި މެލޭޝިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އެކި ކަންކަމުގައި އަންވަރާއި މެލޭޝިއާ ސަރުކާރާ އެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ މީގެ ކުރިން މެލޭޝިއާގެ އެކި ވުޒާރާތަކުގެ ވަޒީރުކަން ކުރައްވައިފައެވެ. އެގޮތުން އަންވަރު ވަނީ މެލޭޝިއާގެ ޔޫތު މިނިސްޓަރު ކަމާއި، އެޑިއުކޭޝަން މިނިސްޓަރު ކަމާއި، ފިނޭންސް މިނިސްޓަރު ކަމާއި، އެގްރިކަލްޗަރު މިނިސްޓަރު ކަމުގެ މަގާމު ފުރުއްވައިފައެވެ.