އިންޑިއާގައި ހިމަބިހި ބާރަށް ފެތުރެމުން ދާ ކަމަށާއި މިހާތަނަށް 12 ކުއްޖަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ހަބަރުދީފިއެވެ.

އިންޑިއާގެ ކާރޫބާރު އެންމެ ބޮޑު އެއް ސިޓީ ބޮމްބޭ އާއި އެ ސިޓީއާ އިންވެގެން އޮތް ސަރަހައްދުތަކުން މިއަހަރުގެ މިހާތަނަށް 233 ކޭސް ފެނިފައި ވާ ކަމަށާއި މިއީ މިދިޔަ އަހަރު ފެނުނު ކޭސްތަކުގެ 3 ގުނަ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ހިމަބިހި ނުވަތަ މީސަލްސް ޖެހިގެން މިއަހަރު ކުދިން މަރުވާން ފެށީ މިދިޔަ އޮކްޓީބަރު މަހުގެ ތެރޭގައި ކަމަށާއި އެންމެ ފުރަތަމަ މަރުވި 3 ކުދިން މަރުވީ 24 ގަޑިއިރު ތެރޭގައި ކަމަށް ވެސް ބުނެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި، މީސަލްސް އެހާ ބާރަށް ފެތުރެން މެދުވެރިވީ ކޮވިޑްގެ ހާލަތާ ގުޅިގެން ހިމަބިހި ވެކްސިން ޕްރޮގްރާމް މަޑުޖެހުމާ ގުޅިގެންނެވެ.

ހިމަބިހީގައި އެންމެ ފަހުން މަރުވީ 8 މަހުގެ ކުއްޖެއް ކަމަށާއި އެ ތުއްތު ކުއްޖާ މަރުވީ މިދިޔަ އަންގާރަ ދުވަހު ކަމަށްވެސް އިދާރާތަކުން ބުނެއެވެ.

ހިމަބިއްސަކީ، ކޮވިޑަށް ވުރެވެސް ބާރަށް ފެތުރޭ ކޮވިޑަށް ވުރެ ނުރައްކާ ބައްޔެެވެ. ހާއްސަކޮށް 5 އަހަރުން ދަށުގެ ކުދިންގެ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހިމަބިހި ޖެހުމުން، ކެއްސާ، ހުން އައިސް، ހަށިގަނޑުގެ އެތަން މިތާނގައި ކުދި ބިހިތަކެއް ނަގައެވެ.

ހިމަބިހިން ރައްކާތެރި ވުމަށް ދެނީ ވެކްސިނެވެ. ތުއްތު އިރު ދޭ މިވެކްސިން ދިނުމުން ހިމަބިހި ޖެހުމުން ރައްކާތެރި ކޮށްދެއެވެ.

ވެކްސިން ނުޖަހާ ތިބޭނެމަ، ކޮންމެ 10 މީހަކުން 1 އަށް ޖެހުމުގެ ފުރުސަތު އޮތް ހިމަބިއްސަކީ އެހާ ފަސޭހަކަމާއެކު އެހާ ބާރަށް ފެތުރޭ ބައްޔެކެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ތަނަކަށް ވީ ނަމަވެސް، ވެކްސިން ނުޖަހާ އަދި ޑޯޒް ފުރިހަމަ ނުކުރާ ބައެއް ކުދިންނަށް 2020 ވަނަ އަހަރު ހިމަބިހި ޖެހިގެން ރިޕޯޓު ކުރިއެވެ.