ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މި ކޭސް ފެނިފައި ވަނީ އިއްޔެ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެ ކޭސް އިތުރަށް އިންވެސްޓިގޭޓްކޮށް، އޭނާއާ ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް މި ކޭސް ފެނިފައި ވަނީ ކޮން ސަރަހައްދަކުން ކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާ އިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ އެފަރާތަތަކަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ ކުރިން އޮގަސްޓް މަހާއި ޖުލައި މަހު ވެސް ހިމަބިހީގެ ކޭސްއެއް ވަނީ ފެނިފައެވެ. އެ ދެ ކޭސްއާ ގުޅޭ ގޮތުން މީގެ ކުރިން އެޗްޕީއޭއިން ބުނެފައި ވަނީ އެ ދެ ކޭސްގެ ގުޅުމެއް ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. މި ދެ ކޭސްގެ ތެރެއިން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފެނުނު ހިމަބިހި ކޭސް ފެނިފައި ވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި، ލޯ ރަތްވުމެވެ. އެޗްޕީއޭއިން ވަނީ އެއްވެސް ފަރާތަކުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެދިފައެވެ.