ހިމަބިހި އަދި ރުބެއްލާއިން ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް މިއަދު ކުޅުދުއްފުށީގައި ލޯންޗުކޮށްފިއެވެ.

މި ކެމްޕެއިން ލޯންޗްކޮށް ދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމްއެވެ.

ހެލްތް ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމާއެކު ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން މިއަދު ކުޅުދުއްފުށީގައި ފެށި ކެމްޕެއިނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުން ހިމެނޭހެން ދިވެހިންނާއި ބިދޭސީންނަށް މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް މި ކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަސް އެޗްޕީއޭ އިން ބުނެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓިފައި ކަމަށް އެޖެންސީން ބުނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

2020 ވަނަ އަހަރު ރާއްޖެއިން ޕީސީއާރް ޕޮޒިޓިވް މީސްލްސްގެ ކޭސްތަކެއް ފެނުމާއެކު، އެ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރު ކެމްޕޭން ވަނީ ފަށާފައެވެ. އެހެންނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު މި ކެމްޕެއިން ވަނީ މެދު ކަނޑާލަން ޖެހިފައި ކަމަސް އެޗްޕީއޭއިން ބުނެއެވެ. އޭގެ ފަހުން މިއަހަރު ގައި ހިމަބިހީގެ ކޭސްތަކެއް ފެނުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި ކަމަށް ވެސް އެ އެޖެންސީން ބުނެއެވެ.

މިއަދު ފެށި ކެމްޕެއިންއާއެކު ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ރާއްޖެއިން ހިމަބިހި ފަދަ ބަލިތައް ނައްތާލާފައި ވަނީ އާންމުންނާއި ސިއްހީ ހިދުމަތްތެރިންނާއި ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގައި އެމްއާރު ވެކްސިން ތައާރަފް ކޮށްފައި ވަނީ 1983 ވަނަ އަހަރުގައެވެ. އަދި މިހާރުގެ ގައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން 9 މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެމުން ދެއެވެ.