މިދިޔަ އަންގާރަ ދުވަހު މާލެ ސަރަހައްދުގައި ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ އެ ކޭސްއާ ގުޅޭ ގޮތުން ބެލި ބެލުމުން އެނގިފައިވަނީ އެ މީހާއަށް ބަލި ޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށާއި އެ މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ކަމަށެވެ. އަދި މި ވަގުތު ހާލަތު ރަނގަޅުވަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އެ މީހާއަކީ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހެއް ކަމަށާއި މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ރިސްކު 97 ޕަސެންޓް ކުޑަކޮށްދޭ ކަމަށެވެ. އަދި މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވުމާއެކު ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެ ތެރެއިން ވެކްސިން ފުރިހަމަނުވާ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ބަލި ޖެހިފައިވާ މީހާ އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ މުއްދަތުގެ ތެރޭގައި ދަތުރުކޮށްފައިވާ ކަމަށާއި ދަތުރުމަތީގައާއި ގެއާއި ހޮސްޕިޓަލްގައި އޭނާއާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:

  • ހުން އައުން
  • ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

އެޗްޕީއޭއިން ވަނީ އެއްވެސް ފަރާތްތަކުން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސް ނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯއްދެވުމަށް އެދިފައެވެ.