އައްޑޫން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓީވްވެފައި ވާ ކަމަށާއި އަދި އިތުރު ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ބެލެވޭތީ އޭނާ ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީޢޭއިން ބުނީ، ކުޑަކުއްޖާ ހިމަބިއްސަށް ޕޮޒިޓިވްވެފަިއވާ ކަން އެނގުނީ މިއަދު ކަމަށެވެ. އަދި އިތުރު ކުއްޖެއްގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. މި ދެ ކުޑަކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަސް ޕީރިއަޑް) ފާއިތުވެފައި ވާތީ، އެ ދެ ކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ޖެހުމުގެ ފުރުސަތު ނެތްކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވުމާ އެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައި ވިޔަސް އެ ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެހެންކަމުން މި ހާލަތުގައި މި ބަލި ޖެހޭ މީހަކު ފެނިއްޖެ ނަމަ، އަމަލު ކުރަން ޖެހޭ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމަށް، އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެެ. ހަމައެއާއެކު ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައުމާއި ރަތް ބިހި ނެގުމެވެ. އޭގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން، އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނެއެވެ.

މި އަލާމާތްތައް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީޢޭއިން އިލްތިމާސްކުރެއެވެ. މި އައުޓްބްރޭކްގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެނގެމުންދާ ވަރަކަށް މި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް އެޗްޕީޢޭއ ިން ބުނެއެވެ.