ގަތަރުގައި މިހާރު ހިނގަމުންދާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި މިއަދު ސުވިޓްޒަލޭންޑްއާއި ކެމެރޫން ވާދަކުރި މެޗު 1-0 ގެ ހަނި ސްކޯއަކުން ސުވިޓްޒަލޭންޑް ކާމިޔާބުކޮށްފިއެވެ. މިއީ މިމުބާރާތުގެ ގްރޫޕް ޖީގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފޯރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު މިމެޗުގައި ގިނަ ހަމަލާތައް އުފެއްދީ ކެމަރޫންއިންނެވެ. މިގޮތުން އެޓީމުން ވަނީ ގޯލަށް އަމާޒުކޮށް 8 ޝޮޓް ފޮނުވާލާފައެވެ. އަދި މީގެ ތެރެއިން 5 ޝޮޓް ސުވިޓްޒަލޭންޑްގެ ގޯލަށް ނުރައްކާ ކުރި އިރު ސުވިޓްޒަލޭންޑްއަށް މެޗުގައި ހެދިފައިވަނީ 7 ޝޮޓެވެ. އަދި މީގެ ތެރެއިން 3 ޝޮޓް ކެމަރޫންގެ ގޯލަށް ނުރައްކާ ކުރި އިރު މެޗުގެ 48 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.

އެމްބޯލޯ އަކީ ކެމަރޫންއަށް އުފަން ސުވިޓްޒަލޭންޑް ކުޅުންތެރިއެއް/ފޮޓޯ: ފީފާ ޓުވިޓާ

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ބްރީލް އެމްބޯލޯއެވެ. އެމްބޯލޯ އަކީ ކެމަރޫން އަށް އުފަން ކުޅުންތެރިއެއް ނަމަވެސް އޭނާ ތަމްސީލުކުރަނީ ސުވިޓްޒަލޭންޑެވެ. އަދި މިސަބަބަށްޓަކައި އޭނާ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުނުކުރެއެވެ.

މިލަނޑަށް ފަހު ކެމަރޫންއިން މެޗުގެ ސްކޯ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ 1-0 ގެ ސްކޯ އަކުން ސުވިޓްޒަލޭންޑް މޮޅުވެގެންނެވެ.

މި މޮޅާއި އެކު ސުވިޓްޒަލޭންޑުން މިވަނީ ގްރޫޕް އެޗްގެ ތާވާލުގެ ކުރިއަށް ޖެހިލާފައެވެ. އަދި ކެމަރޫންއިން އޮތީ ތާވާލުގެ ފުލުގައެވެ.