ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، އެ ސަރަހައްދު ހޯދަންވެސް ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި މި ސަރުކާރުން ހާމަކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ސާފު ކޮށްދެއްވައިފިއެވެ.

ހަލީލް މިފަދައިން ހާމަކޮށްފައި ވަނީ 'ދިޔަވަރު' ނޫހުން މިދިޔަ ހޯމަ ދުވަހު ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން ބެލްޖިއަމް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ ވަނީ މި މަހު ކުރީ ކޮޅު ޔޫރަޕިއަން ޕާލިމެންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި، ހޯދަންވެސް ނޫޅޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ޑިއަގޯ ގާސިޔާގައި އެމެރިކާގެ މިލިޓަރީ ބޭހެއް ހުރުމާއި މެދު، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އެއްވެސް މައްސަލައެއް އަދި އިއުތިރާޒެއް ރައީސް މުއިއްޒުގެ ސަރުކާރުގެ ނެތް ކަމަށް ވެސް އެމްބަސަޑަރު ގީލާ ސަރުކާރުގެ ފަރާތުން ޔޫރަޕިއަން ޕާލިމެންޓްގައި ވިދާޅުވެފައިވާ ކަމުގެ ތުހުމަތު އެ ހަބަރުގައި ކޮށްފައި ވެއެވެ.

އެ ވާހަކަތައް ގީލާ ވެސް ވަނީ ދޮގު ކުރައްވާފައެވެ. އޭގެ އިތުރުން ހަލީލް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު, ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅުތައް އޮޅުވާލައިގެން ކަމަށެވެ.

އެ ވާހަކަތައް ސާފުކޮށް ދެއްވަމުން ހަލީލް ވިދާޅުވީ، ޔޫރަޕިއަން ޕާލިމެންޓުން ސަފީރާއި ކުރައްވާފައި ވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތްކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ސަފީރު ވިދާޅުވެފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި، އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.

އޭގެ ބަދަލުގައި ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށް މިނިސްޓަރު ހަލީލް ވަނީ ވިދާޅުވެފައެވެ. އަދި އެ ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

"ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ ސިއްރު ސިޓީއަކުން. މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ"
މިނިސްޓަރު ހަލީލް

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށޫ އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައި ދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.

ޗާގޯސް އަލުން އަނބުރާ މޮރިޝަސް އަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމާ ސޮއި ވެސް ކޮށްފައިވާއިރު އެކަން އެގޮތަށް ނިންމާފައިވަނީ އެމެރިކާގެ ވެސް ރުހުމާ އެކު ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ.