އަނެއްކާވެސް އަސްކޮއި ގުރޫޕުން ފައިސާ ނެގުމަށްފަހު އުމްރާގެ އަޅުކަމަށް ނުގެންދެވޭނެ ކަމަށް އެންގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިރޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ އަސްކޮއި ހައްޖު އުމްރާ މޯލްޑިވްސްގެ ވެރިން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު، އެންމެފަހު ވަގުތު ނުދެވޭނެ ކަމަށްބުނެ، ޕާސްޕޯޓާއި ފައިސާއާއެކު ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެއެވެ.

އެގޮތުން މީހަކު ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމައްޓަކައި، ފޮނި އުންމީދުތަކެއް ކުރަމުންދިޔަ އެތައް ބައެއްގެ އަތުން ކުރިޔާލާ ފައިސާނަގާ، ފުރުމަށް ހަފްތާއަކައް ވެފައި ވަނިކޮށް މި ގުރޫޕުން [އަސްކޮއި ގުރޫޕުން] ނުދެވޭނެ ކަމަށް އަންގާފައިވާ ކަަމަށެވެ. އެއީ މި މަހުގެ 24 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ދަތުރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އެގޮތުން ކޮންމެ މީހެއްގެ އަތުން 25،500 ރުފިޔާ ނަގާފައިވާކަން ފާހަގަކޮށް އޭނާ ބުނީ ގުރޫޕުން ހަބަރެއް ނުވާތީ މީގެ 3 ދުވަސް ކުރިން ގުޅުމުން ބުނީ ހުރިހާ ކަމެއް ވެސް ތައްޔާރަށް ހުރި ކަމަށާއި 24 ޖުލައިގެ ކުރިން މާލެ އައުމަށް ދައުވަތުވެސް ދިން ކަމަށެވެ. އަދި އިތުރު މައުލޫމާތު ހިއްސާ ކުރުމަށް މި މަހުގެ 16 ވަނަ ދުވަހު ވައިބާ ގުރޫޕެއް ހަދާނެ ކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށް އެ ގުރޫޕާ ހަވާލާދީ އޭނާ ވަނީ ބުނެފައެވެ.

އެ ޕޯސްޓުގައި ބުނެފައި ވަނީ އޭނާގެ މަންމަ އާއި އާއިލާގެ އެހެން މެންބަރުންގެ އިތުރުން ށ.ފޯކައިދޫގެ 28 މީހަކު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ކަަމަށެވެ.

އެހެންކަމުން މާލެ ދިއުމައް ފުނަދުއަށް ދިއުމަށް ލޯންޗް ޓިކެޓް ނަގާ، ފުނަދޫއިން މާލެ ދިއުމަށް ފްލައިޓް ޓިކެޓް ނަގާ ހުރިހާ ތައްޔާރީތަކެއްވި ނަމަވެސް އޭގެ ފަހުން ހަބަރެއް ނުވުމުން މެސެޖުކޮށް ގުޅާ ހެދުމުން މިފަހަރު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"މައުލޫމާތު ލިބޭގޮތުން މިގުރޫޕުގެ ބޮޑުމީހާ މިހާރު ރާއްޖެއަކުވެސް ނެތް. މިހުންނަނީ ބޮޑެތި އަނިޔާ. މިކަމައް އިންސާފު ލިބެންޖެހޭ، އަދި މިގުރޫޕުގެ ހުއްދާ ބާތިލްކުރަންޖެހޭ."
ފޭސްބުކް ޕޯސްޓު

އުމްރާއަށް ނުގެންދެވޭނެ ކަމަށް ބުނަމުންދަނީ ގަލްފުގެ ގައުމުތަކުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރު ކުރުން ރައްކާތެރު ނޫން ކަމަށް ބުނުމަށްފަހު ކަމަށް ވެއެވެ.

އިތުރު މީހަކު ކަންބޮޑުވުން ފާޅުކޮށް ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ 6 މީހަކު އުމްރާއަށް ދިއުމަށް ޖުމްލަ 155،700 ރުފިޔާ ދެއްކި ނަމަވެސް އެންމެ ފަހުވަގުތު އުމްރާއަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ އަސްކޮއި ގުރޫޕުން އަމަލު ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

މި މައްސަލަތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހަށް ހުށަހަޅައި ގވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އަސްކޮއި ގުރޫޕުގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. ނިމިދިޔަ ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެންގާފައިވާ ކަމަށް ބުނެ އޭރު ސޯޝަލް މީޑިއާގައި ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެ މައްސަލަތަކާއި ގުޅިގެން އޭރު މިނިސްޓްރީން އެ މައްސަލަ ބެލުމަށްފަހު އަސްކޮއި ގުރޫޕު ވަނީ 130,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި މީހުންނަށް ރިފަންޑު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އޭރު ވަނީ އަންގާފައެވެ.

ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށް ދިޔުމަށް ދައްކާ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން ހުސްވި އަހަރުވެސް ވަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏަކުން އުމްރާއަށް ގެންދިޔުމުގެ ނަމުގައި ފައިސާ ހޯދާތީއާއި އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ނާދެވިފައި ތިބި މައްސަލައެއް ފެންމަތިވެފައެވެ.

މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި އެ ހުއްދަ ނެތް ކުންފުންޏަކާ އެކު ފައިސާގެ މުއާމަލާތް ނުހިންގުމަށް އެދިފައެވެ. ނަމަވެސް އަސްކޮއި ގުރޫޕަކީ އުމްރާގެ އަޅުކަމަށް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކުންފުންޏެކެވެ.