އިނގިރޭސިވިލާތް ނުވަތަ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އާއި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭޕީޕީޖީ) އާއި ރައީސް ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖެއާއި ޔޫކޭއާއި މެދުގައި އޮތް ބަދަހި ގުޅުމަކީ އިހުތިރާމާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާނޭކަމަށް ވިދާޅުވެފައެވެ.

އަދި ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއެކު ދިފާއީ ދާއިރާ ހަރުދަނާކުރުމަށް ޔޫކޭއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެއާއެކު ރައީސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭޕީޕީޖީއިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރުއޮތް ކަމަށްވެސް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޕީޕީޖީގެ ކޯ ޗެއާ ޔާސްމީން ގުރެއިޝީ އެމްޕީ ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް އޮތް ޒިންމާ ބޮޑުކަމަށާއި، އެފަދަ ގައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

މަތީ ފަންތީގެ ބައްދަލުވުންތަކަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫކޭއަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދިޔަ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށްވެސް ރައީސް ވަނީ މި އަހަރު އިނގިރޭސިވިލާތައް ވަޑައިގެންފައެވެ.