ސަރުކާރުގެ ސްކޮލާޝިޕް ސްކީމްތަކުގެ ދަށުން މި އަހަރު އެކަނި 735 ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުގައި ވާގޮތުން މިހާތަނަށް 93 ސްކޮލާޝިޕް ސްކީމެއް ތައާރަފުކުރެވިފައިވާއިރު، މި ސްކީމުތަކުގެ ދަށުން ތައުލީމު ހާސިލުކޮށް 158 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

މީގެއިތުރުން ދަރިވަރުންގެ ސްކޮލާޝިޕްތަކަށް މިހާތަނަށް ޖުމުލަ 332،306،239ރ. ހަރަދުކުރެވިފައިވާކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި 2025 ވަނަ އަހަރު ސްކޮލާޝިޕްތަކަށް ވަނީ 83،389،345ރ. ހަރަދުކޮށްފައި ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއިން މަތީ ތައުލީމު ހާސިލުކުރަން ބޭރަށް ދާ ދަރިވަރުން ގައުމަށް އެނބުރި އައިސް ހިދުމަތް ކުރުމަށް އެކަށޭނެ މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ވަނީ އާއިލާތަކުގެ އެކި މެންބަރުން ހޯދާ އާމްދަނީ އެއްކޮށްލައިގެން ކުލިދައްކާ އާއިލާތައް ވެސް މާލޭގައި މަދު ނޫންކަމަށާއި، އެހެންކަމުން ގެދޮރުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ކަންތައް އޮތީ މުޅިން ރަނގަޅަކަށް ނޫންކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ކުދިން ކިޔަވައިނިމިގެން ރާއްޖެ ނައިސް މަޑުކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމަށް ހިދުމަތްކޮށް ދިނުމަށް ގިނަ ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމަށް ނިންމަވާފައި ވާކަމަށާއި، މިވަގުތުވެސް ހާއްސަ ދާއިރާތަކުން ކިޔަވައިގެން އައިސް ތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުސަތު ނުލިބި އެބަތިބި ކަމަށްވެސް ރައީސް ވިދާޅުވެފަވެއެވެ.

އެހެން ކަމުން މިކަން ހައްލު ކުރުމަށް ދައުލަތުގެ ބަޖެޓުން އުމްރާނީ ތަރައްގީއަށް ކުރާ ހޭދައިން އެއްބައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހޭދަކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް އަދި ފަސް މާއްދާއިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކުރި ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.