އެއްވެސް ބަޔަކަށް ސާފު އަޣުލަބިއްޔަތު ނުލިބި ހުސްވި ހަފްތާގައި ނިމިދިޔަ މެލޭޝިއާގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެއްވި އަންވަރު އިބްރާހިމަކީ އެގައުމުގެ 10 ވަނަ ބޮޑުވަޒީރު ކަމަށް ކަނޑައަޅައިފިއެވެ.
ވެރިކަން ކުރާ ޕާޓީ (ބަރިސަން އެލަޔަންސް) އަށް ވެސް، އަންވަރު ނިސްބަތްވާ ޕާޓީ (ޕަކަތަން ހަރަޕަން) އަށް ވެެސް އަދި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ (މެލޭ މުސްލިމް ޕެރިކަތަން ނެޝަނަލް) ޕާޓީއަށްވެސް އަޣުލަބިއްޔަތެއް ނުލިބެއެވެ.
އެ އިންތިހާބުގައި 82 ގޮނޑި ކާމިޔާބު ކޮށްގެން އެންމެ ކުރި ހޯއްދެވީ އަންވަރު ޕާޓީއެވެ. ދެވަނައަށް 73 ގޮނޑި ހޯއްދަވައިގެން ވާދަކުރަމުން ދިޔައީ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިންގެ ޕާޓީއިންނެވެ. ވެރިކަން ކުރާ ޕާޓީއަށް ލިބުނީ އެންމެ 30 ގޮނޑިއެވެ.
މި ނަތީޖާ އާ އެކު، ސަރުކާރެއް އެކުލަވާލުމަށް އެންމެ ކުރި ހޯދި ދެ ކޯލީޝަނަށް ފުރުސަތު ދިން ނަމަވެސް، 2 ކޯލީޝަނަށްވެސް މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން މެޖޯރިޓީ ލިބޭ ވަރެއް ނުވިއެވެ. އެއާއެކު އަންވަރާއި މުހްޔިއްދީން، މެލޭޝިއާގެ ރަސްގެފާނާ މައްދަލު ކުރެއްވުމުން، ގޮތެއް ނިންމަން ރަސްގެފާނު 2 ދުވަސް ނެންގެވިއެވެ.
މެލޭޝިއާގެ ގާނޫނުތައް ހުންނަ ގޮތުން، ޑެޑްލޮކަކަށް ދާ ހާލަތުގައި ގޮތް ނިންމަވާނީ ރަސްގެފާނެވެ.
އެއައެކު މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ސުލްތާން އަހުމަދު ޝާހު ވަނީ ހުރިހާ ޕާޓީތަކާއި މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު ރަސްގެފާނު ވަނީ އެ ގައުމުގެ އާ ބޮޑުވަޒީރަކީ އަންވަރު ކަމަށް އިއުލާން ކުރައްވާ ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު 5 ޖަހާއިރު (ރާއްޖޭ ގަޑިން މެންދުރުން އަނބުރާ 1 ޖަހާ އިރު) ބާއްވަން ނިންމަވާފައެވެ.
އުމުރުން 75 އަހަރުގެ އާ ބޮޑުވަޒީރު އަންވަރަކީ އެއްޖިންސުން ގުޅުން ހިންގެވި ކަމުގެ ތުހުމަތާއި ކޮރަޕްޝަނުގެ ތުހުމަތު ކޮށް 2 އަހަރުގެ ޖަލު ހުކުމެއްވެސް ތަންފީޒު ކުރައްވާފައި ވާ ބޭފުޅެކެވެ. މެލޭޝިއާގެ އެންމެ މަތީ މަގާމު، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅާއެކު މަސައްކަތް ކުރައްވާތާ އެތައް ޒަމާނެއް ފަހުން އެ މަގާމަށް މިއަދު ވަނީ ވަޑައިގެންފައެވެ.