ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވާސް އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާ ގުޅޭ މުހިންމު ކަންކަން އޮޅު ންފިލުއްވާފައެވެ.

ޕެޓްރޯނާސް ޓްވިން ޓަވާސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމްޕީއެމް) ގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި އެތަނާ ގުޅިފައިވާ އީޖާދީ މިއުމާރިއްޔާތާއި ގައުމިއްޔަތުގެ ނަޒަރަކުން އެ ޓަވަރުތަކުގެ މުހިންމު ކަމާ ބެހޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަކީ ވެސް ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުން ވެސް ދެ ގައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މަގްސަދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފަހިކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.