ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.

އިސްލާމީ އުސޫލުތައް ހިފެހެއްޓުމާ ގަވަނަންސްގެ ދާއިރާގައި ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުން އެ ޔުނިވާސިޓީން ރައީސަށް އެރުވާފައިވަނީ ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ލީޑާޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްއެވެ. އެ ޝަރަފު ރައީސަށް އެރުވީ އެ ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް، ޓެންކޫ އަޒީޒާ އައިމިނާ މައިމޫނާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވާސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ވިދާޅުވީ ރައީސް މުއިއްޒަށް މި ޝަރަފު އެރުވުމުގެ ފުރުސަތު ލިބުމަކީ ޔުނިވާސިޓީއަށް ލިބިގެންދިޔަ ޝަރަފެއް ކަމުގައެވެ. ރައީސް މުއިއްޒު އަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އާބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަން ފާހަގަކުރައްވަމުން އެ ޔުނިވާސިޓީއިން ބުނީ ރައީސް މުއިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަމަށެވެ.

މިއީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ދިވެއްސަކަށް މި ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވާސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ.