އިޓަލީގެ ޕުގްލިއާގެ ޕްރެސިއްޗޭ ޓައުންގައި ދިރިއުޅެން ބޭނުން ވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ. އެ ސިޓީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ބަޔަކު ނޫޅެ ޒަމާންތަކެއް ވެފައި ހުރި އެތައް ގެއެއް މިހާރު ވަނީ ސޭލް އަޅުވާފައި ކަމަށާއި، އެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ގެ ގަތުމަށްޓަކައި 30،000 އެމެރިކާ ޑޮލަރު ދޭނެ ކަމަށެވެ. މީގެ އިތުރުން ރައްވެހިކަންވެސް ދޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އިޓަލީވިލާތުގައި ދިރިއުޅޭނެ ބަޔަކު ނެތި މި ބާވަތުގެ ބައިވަރު ގެ އެބަހުއްޓެވެ. މި ޕްރެސިއްޗޭ ސަރަހައްދަކީ، މޫދާވެސް ކައިރި ޗާލު ސަރަހައްދެއް ކަމަށާއި ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައި ވާ ކަަމަށް ހަބަރުތައް ބުނެއެވެ.

އިޓަލީވިލާގެ މުސްކުޅި އާސާރުތައްވެސް ހުރި މި ސަރަހައްދުގައި ދިރިއުޅޭ މީހުން އަހަރަކުން އަހަރަކަށް ދަނީ ދަށްވަމުން ކަމަށާއި ވިހާ ނިސްބަތްވެސް ދަށްވެ ގިނަ ގެތައް ފަޅުވެފައި ވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޕްރެސިއްޗޭ ޓައުންއާ ގުޅުވާލާފައިވާ އެކުއޭރިކާ

އޮފިޝަލުން އިތުރަށް ވިދާޅުވީ، ޕްރެސިއްޗޭ އާއި އެކުއެރިކާގައި ޖުމްލަ 9000 ފަޅު ގެ އެބަހުރި ކަމަށެވެ. މި ގެތައް ގަނެ އާބާދުވާން ބޭނުންވާ ފަރާތްތަކަށް 30،000 ޑޮލަރުގެ އިތުރުން، ވިޔަފާރި ފެށުމަށް ޓެކުހުން ލުއި ދިނުމާއި، ދަރިން ތިބި ނަމަ ބޯނަހެއް ދިނުމާއި، އަހަރުތަކަކަށް ބަހާލައިގެން ފައިސާ ދެއްކޭ ލޯން ސްކީމެއްގައި ބައިވެރި ވުމުގެ ފުރުސަތު ދިނުން ފަދަ ހުށަހެޅުންތައް ވެސް ހިމަނާފައެވެ.

އާބާދުވުމަށް ދޫކުރާ 30،000 ޑޮލަރަށް ކުރިމަތިލާ މީހުން ގަންނަން ޖެހޭނީ 1991 ގެ ކުރިން ހަދާފައި ހުރި ގެއެކެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު ވިއްކާ ކޮންމެ ގެއަކަށްވެސް ޖެހޭނީ ގާތްގަނޑަކަށް 25،000 އެމެރިކާ ޑޮލަރެވެ.