އުމުރުން 24 އަހަރުގެ ރެމޮން ކަރަމް މިސްރު ދޫކޮށް ފިލީ އިޓަލީގައި އާ އާއިލާއަކާ އެކު އާ ދިރިއުޅުމެއް ފެށުމަށެވެ.

"މިސްރު ދޫކޮށް ދާން ނިންމިއިރު އަހަރެންގެ އުމުރަކީ 14 އަހަރު. އެއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް. މައިންބަފައިންނަށް ވެސް އެކަމެއް ނޭނގޭ." އޭނާ ބުންޏެވެ.

"އަހަރެން މިސްރު ދޫކޮށް ދާން އުޅުނުކަން އެނގޭނީ ހަމައެކަނި ބޭބެއަށް. ބޭބެގެ ޕާސްޕޯޓް ސައިޒް ފޮޓޯއެއްވެސް ދިން. އަހަރެން އަބަދުވެސް އެ ފޮޓޯ ހިފައިގެން އުޅެނީ. މީހަކާ ވާހަކަ ދައްކަން ޖެހޭހެން ހީވާ ކޮންމެ ފަހަރަކު އެ ފޮޓޯ އަށް ބަލާފައި ބޭބެ ހުރީ އަހަރެން ގާތުގައި ކަމަށް ހީކުރާށޭ ބުނީ."

އޭނާ އެލެގްޒެންޑްރިއާ ދޫކޮށް ދިޔަތާ ދިހަ އަހަރު ފަހުންވެސް އެ ފޮޓޯގައި މެޑިޓަރޭނިއަން ކަނޑުގެ ލޮނުގަނޑުގެ ނިޝާންތައް އަދިވެސް އެބަހުއްޓެވެ.

ރެމޮން ބުނި ގޮތުގައި އޭނާ ގެއާއި އާއިލާ ދޫކޮށް ދިޔައީ އެތައް ސަބަބުތަކަކާ ހުރެއެވެ.

މިސްރުގެ ޓީވީތަކުން އޭނާއަށް ފެނުނު ޔޫރަޕްގެ ލަގްޒަރީ މަންޒަރުތަކުން އޭނާއަށް ގަބޫލުކުރެވުނީ މިސްރުގެ ބޭރުގައި އޭނާގެ އިންތިޒާރުގައި އާ ދިރިއުޅުމެއްގެ ތަސްވީރެއް ވާކަމަށެވެ. އެހެންނަމަވެސް މިސްރު ދޫކޮށް ދާން އޭނާއަށް ހިތްވަރު ލިބުނީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމާއި، ގެކައިރީގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

"އަހަރެން ހުރިހާ ކަމެއް ދޫކޮށްލަން ނިންމީ އާ އަހަރާ ދިމާކޮށް އަހަރެން ނިސްބަތްވާ ކޮޕްޓިކް ކޮމިއުނިޓީއަށް ދިން ހަމަލާއެއްގައި އަހަރެންގެ ކަޒިން މަރާލުމުން. އެވަގުތަކީ ދިރިއުޅުން ބަދަލުކޮށް އަމިއްލަ ރައްކާތެރިކަން ހޯދަންވީ ވަގުތު ކަމުގައި އަހަރެންނަށް ގަބޫލުކުރެވުނު." އޭނާ ބުންޏެވެ.

2013 ވަނަ އަހަރުގެ ޖުލައި މަހު ރޭގަނޑުގެ އަނދިރީގައި އަމިއްލަ ރަށް ކައިރޯއިން ނުކުތުމަށްފަހު ރެމޮން ބަހުގައި ދަތުރުކުރީ ޕޯޓް ސިޓީއެއް ކަމަށްވާ އެލެކްޒެންޑްރިއާއަށެވެ. އެތަނަށް ދިއުމަށް ފަހު އޭނާއާއި މުސްލިމް ދަތުރުވެރިއަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ އަތްދަށަށް ވެއްޓުނެވެ. އެމީހުންގެ ހައްޔަރުގައި ފަސް ދުވަސް ވަންދެން ރެމޮން ހުއްޓެވެ.

"އެމީހުން އަހަރެންގެ ލޮލުގައި ފޮތިއައްސާ ބަންދުކޮށް، ކާރެއްގައި އަހަރެން ގޮވައިގެން ދިޔައީ އަހަރެން ކަހަލަ އެހެން ދަތުރުވެރިންނާއެކު ކުޑަ ގެއަކަށް." އޭނާ ކިޔައިދިނެވެ. "އަހަރެންގެ މައިންބަފައިން ގާތްގަނޑަކަށް ހަތަރު ހާސް ޔޫރޯ [4،370 ޑޮލަރު] ނުދައްކައިފިނަމަ އަހަރެން މޫދަށް ވައްޓާލާނެކަމުގެ އިންޒާރު އެ މީހުން އަހަރެންގެ އާއިލާއަށް ދިން."

އެ ފައިސާ އެއްކުރެވުމުން އެމީހުންގެ އިންތިޒާރުގައި އޮތް ކުޑަ މަސްދޯންޏަކަށް ރެމޮން އާއި އެހެން އެތައް ބަޔަކު އެރުވިއެވެ.

"އެފަދަ ދަތުރެއް ކުރަން ޖެހޭނެކަމަކަށް އަހަރެން ހީވެސް ނުކުރަން. އަހަރެން ބެލި މިސްރުގެ ފިލްމެއްގައި ވާގޮތުން މައި ބަތަލު މިސްރު ދޫކޮށް ޔޫރަޕަށް ދަނީ ތަނަވަސް ބޯޓެއްގައި ވަރަށް ހިތްހަމަޖެހިގެން. އެކަމަކު މިސްރާއި ސީރިއާގެ އިތުރު 10 ކުއްޖަކާއެކު އެމީހުން އަހަރެން އެއްލާލީ މަސް ދޯންޏަކަށް."

"ބިރުން ހުރެ ހެއްދެވި ފަރާތަށް އަހަރެން ދުއާ ކުރިން. އަހަރެންނަށް ނިދުނީ ވަރުބަލިވެގެން ގޮސް. ހޭލެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު."

ކުރިއަށް އޮތް 160 ގަޑިއިރު އެމީހުން ހޭދަކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ލޮނު ފެން ބޭނުންކޮށްގެން ކައްކާފައި ހުރި ބަތް ކައިގެންނެވެ. ކާ އެއްޗެހި އެމީހުން ކެއީ އެލްމިނިއަމް ތަށިތަކުގައެވެ.

"އަހަރެމެން ހީވީ ޖަނަވާރުތަކެއްހެން. އަހަރެމެން ބުއި ފެން ވެސް ހުރީ ޕެޓްރޯލާއި އެއްކޮށްފައި. މަދު ފެންފޮދެއް ބޮއެގެން އަހަރެމެން އެތައް ދުވަހެއް ހޭދަ ކުރީ." އޭނާ ބުންޏެވެ.

ސިސިލީގެ އައްސޭރިފަށުން މާ ދުރު ނޫން ހިސާބެއްގައި، އެންމެ ފަހުން އެ މީހުން ހުއްޓުވައި، ސިރަކިއުސްގެ ޕޯޓޯޕަލޯގައި ހުންނަ އިމިގްރޭޝަން ސެންޓަރަށް ގެންދެވުނެވެ.

"ޕޯޓޯޕަލޯގައި އެއްވެސް މީހަކު އަހަރެންގެ ނަމަކުން އަހަންނަކަށް ނުގޮވާ. އައިޑެންޓިފިކޭޝަން ނަމްބަރެއް ދިނީ: 90." އޭނާ ކިޔައިދިނެވެ.

ޑިޓެންޝަން ސެންޓަރުގައި ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ވަންދެން ބެހެއްޓުމަށް ފަހު، ކުޑަކުއްޖަކު އެޑޮޕްޓް ކުރަން އުޅުނު މީހަކު އޭނާ އެތަނުން މިނިވަންކޮށްދިނެވެ.

"އެމީހުން އަހަރެން ބޮޑުކޮށް، ކުރިއެރުވުމަށް އެހީތެރިވި. އެމީހުން ބޭނުންވީ އަހަރެން ދެކެ ލޯބިވެ މައިންބަފައިން ފަދަ އިހުސާސެއް ކުރުމަށް. ކިޔަވައިގެން ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނީ އެ މައިންބަފައިންގެ ސަބަބުން." އޭނާގެ އާ މައިންބަފައިންނާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

މިއަދު، ބެޗްލާސް އަދި މާސްޓާސް ޑިގްރީއަކުން ދަސްވެނިވުމަށްފަހު، ރެމޮންއަށް ސިސިލިއަން ކޮންމެ ގްރެޖުއޭޓެއްގެ ވެސް އިމްތިޔާޒުތައް ވަނީ ލިބިފައެވެ. ޒަމާނީ ބަހާއި ސަގާފަތުން ބެޗްލާސް ޑިގްރީ އަދި ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަށްޓަކައި މާސްޓާސް ޑިގްރީ ހާސިލުކުރުމަށް ފަހު އޭނާ މަސައްކަތް ކުރަމުން އަންނަނީ ޔުނިވާސިޓީ ގެރެންޓާއެއްގެ ގޮތުގައެވެ. އެއީ ދަރިވަރުންގެ ޖަމިއްޔާގެ އިންޓާނަލް އަދި އެކްސްޓާނަލް ސްޕޯކްސްޕާސަންއެވެ.

އޭނާގެ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިޒަމްގެ ސަބަބުން އިޓަލީގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް އޭނާގެ ވާހަކަ ކިޔައިދިނުމުން އިޓަލީގެ ރައީސް ސާޖިއޯ މަޓާރޭލާއާވެސް އޭނާ ވަނީ ގުޅުން ބަދަލިވެފައެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ގެރެންޓަރަކަށް ވުމަކީ ދަރިވަރެއްގެ އެންމެ މަތީ އިންސްޓިޓިއުޝަނަލް މަޤާމު. އަޅުގަނޑަށް އެއީ ޝަރަފެއް އަދި ބާވަތެއްގެ ރިޑެމްޕްޝަނެއް." އޭނާ ބުންޏެވެ.

"އަހަރެންގެ މިސްރުގެ މައިންބަފައިން ތިބީ އަހަރެންނާ މެދު އުފަލުން. އެމީހުން އަންނަނީ އަހަރެންގެ ހަގީގީ ކާމިޔާބީތައް ދެނެގަންނަން މަސައްކަތް ކުރަމުން." އޭނާ ބުންޏެވެ.

"އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓަކަށް ވުމުގެ މާނައެއް އަހަރެންގެ މިސްރުގެ މައިންބަފައިންނަކަށް ނޭނގޭނެ. އިންސާނީ ހައްގުތަކަކީ ކޮބައިކަންވެސް އެމީހުންނަށް އެނގޭނީ ވަރަށް ކުޑަ މިންވަރަކަށް. ޔުނިވާސިޓީގެ ގެރެންޓަރަކަށް ވުމުގެ މާނަ ނުވަތަ މަޓަރެލާއަކީ ކާކުކަން އެމީހުންނަށް ނޭނގެ. އެއްކޮޅުން އެކަމާ ހިތާމަކުރި ނަމަވެސް އަހަރެންގެ ދިރިއުޅުމާ މެދު އެމީހުން ތިބީ އުފަލުންކަން އަހަރެންނަށް އެނގޭ."

އިޓަލީގެ ރައްޔިތަކަށް ވުމަށް ރެމޮން މީގެ އަހަރެއްހާ ދުވަސް ކުރިން އެދިފައިވީނަމަވެސް އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.