ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފު ހޫނުގައި ޖަންގަލިތަކުގައި ރޯވެ އަނދަމުން ދާއިރު، ޖަންގަލީގެ އައްސޭރިފަށުގައި ހުރި ގެއެއްގައި ދިރިއުޅުނު ދެމަފިރިއަކުވެސް އަނދާ އަޅިއަށް ވެއްޖެއެވެ.
ގަދަ ހޫނާއި ބާރު ބަޔާކު މެޑިޓެރޭނިއަންގެ ޖަންގަލިތަކުގައި ގަދައަށް ރޯވެ އަނދަމުން ދާއިރު އެންމެ ބޮޑަށް އަނދަމުން ދާ އިޓަލީއާ ގުޅިފައި އޮތް ޖަންގަލިތަކުގައެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގައި އުމުރުން ދުވަސް ވުމުން ނުވަތަ ވަޒީފާއިން ރިޓަޔާކޮށް ގިނަ ބަޔަކު އެކަހެރިކޮށް އެކި ސަރަހައްދުތަކުގައި ދިރިއުޅެއެވެ. ބައެއް މީހުން ޖަންގަލިތަކުގެ އައްސޭރީގައި އުޅޭ އިރު އަނެއް ބަޔަކު އެކަހެށި ބީޗް ސަރަހައްދުތަކުގައި ދިރިއުޅެއެވެ.
އިޓަލީގެ މި ނުރައްކާ އަލިފާނުގައި އަނދާ ދިޔަ ދެމަފިރިންނަކީ އެގޮތަށް ޖަންގަލީގެ އައްސޭރީގައި ހުރި ގެއެއްގައި ދިރިއޅެމުން ދިޔަ ދުވަސްވީ ދެމަފިރިންނެވެ.
ރޯވެ އަނދަމުން ދާ އަލިފާން ކޮންޓްރޯލް ކުރުމަށް އިޓަލީ، ގްރީސް އަދި އަލްޖީރިއާގެ އެތައްހާސް ފަޔާފައިޓަރުންނެއް މަސައްކަތް ކުރަމުން ދާ އިރު އެކި ހާދިސާތަކުގައި 40 އަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ މަރުވެފައެވެ.
އެންނެ ގިނަ ބަޔަކު މަރުވީ އަލްޖީރިއާއިންނެވެ. އަލްޖީރިއާގެ 7 ޕްރޮވިންސަކަށް އަލިފާންގަނޑު ފެތުރިފައި ވާ އިރު އެ ސަރަހައްދުން މިހާތަނަށް 34 މީހަކު މަރުވެފައި ވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޓަލީގެ 10 ސަރަހައްދެއްގައި ރޯވެ ދަނީ އަނދަމުންނެވެ.
ބައެއް ސަރަހައްދުތަކުގައި ހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް އަރާފައި ވާ އިރު އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތެރޭނަމަ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ. ގާތްގަނޑަކަށް 8000 އެއްހާ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން ދާއިރު އަލްޖީރިއާ ފަޅިން އަލިފާންގަނޑު ކޮންޓްރޯލް ކުރެވެމުން ދާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މި އަލިފާން ޔޫރަޕްގެ އެކި ސަރަހައްދަށް ފެތުރެއްމުން ދާ އިރު ޕޯޗްގީޒާއި ސްޕެއިންނާ ގުޅިފައި އޮންނަ ސަރަހައްދުތަކުގައި ވެސް ދަނީ ރޯވެ އަނދަމުންނެވެ. ޕޯޗްގީޒް ފަޅިން 500 އަށް ވުރެ ގިނަ ފަޔާފައިޓަރުން ހަރަކާތްތެރި ވަމުން އެބަދެއެވެ. ސްޕެއިން ފަޅިއަށް ފެތުރިފައިވާ އަލިފާނުގައި 200 ހެކްޓަރުގެ ސަރަހައްދެއް މިހާރުވެސް އަނދާފައި ވާކަމަށް ރިޕޯޓް ކުރެއެވެ.