މިއަދު މެންދުރު ފަހު މާލެ މަތިން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ހުއްދަ ނަގައިގެން އައި އިޓަލީގެ މަތިންދާ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ މަތިންދާ ބޯޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން މާލެ މަތިން ދަތުރުކޮށްފައި ދިޔަ ވަގުތު ބާރު އަޑުފައްގަނޑެއް އިވުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ، އެ އުޅަނދުތައް އެއާޕޯޓުގައި ޖެއްސީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށާއި އެއީ ލޮޖިސްޓިކް ބޭނުމަކަށް ޖެއްސި ބޯޓުތަކެއް ކަމަށެވެ. ނަމަވެސް ޖެއްސީ ކިތައް ބޯޓު ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ، އިޓަލީ އެއާފޯސްއަށް ނިސްބަތްވާ އަސްކަރީ ބޯޓުތައް ވީއައިއޭގައި ޓްރާންސިޓު ކުރީ ތެޔޮ އެޅުމަށް ކަމަށެވެ. އެ ގޮތުން މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓު މަހުު ވެސް އިޓަލީ އެއާފޯސްގެ ފައިޓާ ޖެޓެއް ވީއައިއޭގައި ޓްރާންސިިޓު ކުރިއެވެ.

މިއަދު ވީއައިއޭ އަށް ޓްރާންސިޓު ކުރީ ޔޫރޯ ފައިޓާ ޓައިފޫން މަރުކާގެ ޖެޓުތަކެކެވެ. މި މަރުކާގެ ބޯޓު އިޓަލީ އާއި ޔޫކޭ އަދި ސްޕެއިން އާއި ޖަރުމަނުގެ އަސްކަރިއްޔާގައި ބޭނުން ކުރެއެވެ.