އަންނަ އޭޕްރީލްއިން ފެށިގެން ޕްރޮސެސް ކުރާނީ 50،000 ރުފިޔާއާ ހަމައަށް ދޫކޮށްފައިވާ ޗެކްތައް ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް އެމްއެމްއޭގެ ސްޓްރެޓަޖީގެ ދަށުން އޭޕްރިލް 1، 2023 އިން ފެށިގެން ބޭންކުތަކަށް ގަބޫލުކުރަން ޖެހޭ ޗެކުގެ އެންމެ މަތީ އަދަދު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ބީއެމްއެލްއިން ހަމައެކަނި ޕްރޮސެސް ކުރާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރު އާ ހަމަޔަށް ދޫކޮށްފައިވާ ޗެކްތައް ކަމަށާއި މިއަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަ ކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެގޮތަށް އެންމެ މަތި އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ކިބައިން އެދެނީ ބޭންކިންގެ ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުން ކުރުމަށް ކަމަށާއި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަރީކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓާ ކުރުވޭނެ ކަމަށެވެ. އިންޓަނެޓް އަދި މޯބައިލް ބޭންކިން އަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެއް ކަމަށާއި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ފާހަގަކުރެއެވެ.