އިންޑިއާގެ ބިހާރުގެ ނެވާޑާ އަވަށުގެ ކޯރަކަށް މީގެ 34 އަހަރު ކުރިން ގެއްލުނު މިސްކިތެއް ކޯރު ހިނދުނު ވަގުތު ފެނިއްޖެއެވެ.

މީގެ 34 އަހަރު ކުރިން ނެވާޑާގެ އެ ކޯރުގެ އެއްފަރާތުން ފެންގަނޑު ބޮޑުވިޔަ ނުދީ ހިފަހައްޓަން ރޭނި ފާރެއް (ޑޭމެއް) ގެ ސަބަބުން ކޯރުގައި ޗިރައިލާ ވިލެޖާ ވީ ފަރާތަށް ފެންގަނޑު ބޮޑުވެގެން ދިޔުމާއެކު ކޯރު ތެރޭގައި ހުރި މިސްކިތް ޣަރަގު ވިއެވެ. ނުވަތަ ފެންގަނޑު ބޮޑުވެ އަޑިއަށް ދިޔައެވެ. އެ ހާދިސާގައި ޗިރައިލާ އަވަށް ވެސް ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ.

އޭރު އެ އަވަށުގައި އުޅުނު، މިހާރު އުމުރުން 50 ގެ އަހަރުތައް ގުނަމުން ދާ މީހުން އޭރު އެ މިސްކިތަށް ނަމާދަށް ގޮސް، އެކިއެކި ދީނީ ކްލާސްތައް ނަގަން ގޮސްފައި ވެއެވެ. އޭގެ ތެރެއިން އެކަކީ މިހާރުވެސް އެ ސަރަހައްދުގައި ދިރިއުޅެމުން ދާ މުހައްމަދު އާފްތާބް ހުސައިން އެވެ.

އޭނާ ބުނީ، ކޯރު ހިނދި މިސްކިތް ފެނުން މައްޗަށް އެރުމާއެކު ހާއްސަ އުފަލެއް ލިބިގެން ދިޔަ ކަމަށެވެ. އެ މިސްކިތް ފެން މައްޗަށް އަރާފައި މިވަނީ، ހުސްވި ސެޕްޓެމްބަރު މަހު، އެ ސަރަހައްދަށް ކުރިމަތިވި ހަނަފަސް ކަމުގައި ވާރޭ ނުވެހި އެތައް ދުވަހެއް ވެ، ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހިނދުމުންނެވެ.

ނެވާޑާގެ ޕުލްވޭރިއާ ޑޭމްގައި ހުންނަ މި މިސްކިތް ފެންމައްޗަށް އެރުމާއެކު އެތައް ބަޔަކު ދަނީ މިސްކިތް ބަލާލުމަށް ޒިޔާރަތް ކުރަމުންނެވެ. އަދި މިހާރު މިތަން ވެފައި ވަނީ ފަތުރުވެރިންގެ ސަމާލުކަން ހުއްޓިފައިވާ ތަނަކަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މޫސުމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި މިސްކިތް އަލުން ފެން މައްޗަށް އެރުމުން އަންގައި ދެނީ، ހަނަފަސްކަން ކުރިމަތިވެފައި ވާ މިންވަރު ކަމަށާއި، އެ މިސްކިތް ހުރި ސަރަހައްދަކީ މިހާރުވެސް އިންޑިއާގެ އެންމެ ފަގީރު ސަރަހައްދަށް ވުމުން، އެ ސަރަހައްދަށް ދިމާވާނެ ހަނަފަސްކަން ވަޒަން ކޮށްލެވޭ ކަމަށެވެ.

މުހައްމަދު އާފްތާބް ހުސައިން

ފެންބޮޑުވެ މިސްކިތް އަޑިއަށް ދާން މެދުވެރިވި ހާދިސާގައި ހުސައިން އާއެކު އެ ވިލެޖްގައި ދިރިއުޅުނު އެންމެން އެތަށް ދޫކޮށް ވަނީ ގޮސްފައެވެ. އެމީހުން އޭރު ދިރިއުޅުނު ޗިރައިލާ އަވަށަކީ، މުސްލިމުންނާއި ހިންދޫން އެކުގައި ދިރިއުޅުނު ކުޑަކުޑަ އަވަށެވެ. އެމީހުން ދިރިއުޅުނީ ހަނޑުލާއި ޒުވާރި ހައްދައިގެންނެވެ.

ހުސައިން އިތުރަށް ބުނެފައި ވަނީ އެއީ ވަށައިގެން ފަރުބަދަ ހުންނަ ތިރި އެހެނަސް ކަޝްމީރު ކަހަލަ ރީތި ސަރަހައްދެއް ކަމަށާއި މިސްކިތް އަލުން ފެނި، ދިރުން ލިބިއްޖެ ކަމަށެވެ.