ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޕޭމަންޓް އިންޑަސްޓްރީގެ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މާސްޓާ ކާޑާ އެކު މެމަރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެޗްޑީސީއިން ބުނީ އޭގެ ސަބަބުން މާސްޓާ ކާޑުގެ ސިޓީ ޕޮސިބަލް ނެޓުވޯކުގެ މެމްބާޝިޕް އެޗްޑީސީއަށް ލިބޭނެ ކަމަށާއި ސިޓީ ޕޮސިބަލްއަކީ ދުނިޔޭގެ އެކި ސިޓީތަކާއި ވިޔަފާރިތަކާއި ތައުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އާބަން ތަރައްގީ ގެނައުމަށް އެކުލަވާލެވިފައި ވާ ވިއުގައެއް ކަމަށެވެ.

މީގެ 3 އަހަރު ކުރިން އުފެދިގެން އައި އެ ނެޓުވޯކުގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެ ގިނަ ކޮމިއުނިޓީތައް ހިމެނޭ ކަމަށާއި ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް އެ ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއެވެ.

އެޗްޑީސީއިން ބުނީ އެ ނެޓުވޯކުގެ މެމްބަރަކަށް ވުމުން އެޗްޑީސީންއިން ކުރިއަށްގެންދާ ސްމާޓް ސިޓީ މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން އެހެން ސިޓީތަކުގައި ބޭނުން ކުރެވެމުން އަންނަ ތަފާތު ސްމާޓް ސޮލިއުޝަންތަކާ ބެހޭ ތަޖުރިބާކާރު މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް ރާއްޖޭގައި އަދި ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ ކަމަށެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މަގުފައިވެގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން އިތުރަށް ބުނީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ލުއިފަސޭހަ ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ އެކޯޕަރޭޝަންގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން އޯޕަން އެކްސެސް ނެޓުވޯކަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް ދަނީ ތައާރަފު ކުރަމުން ކަމަށެވެ.