"ނޭޝަނަލް ސްކްލްސް އެންޑް ކެރިއާ އެކްސްޕޯ"ގެ ނަމުގައި ބާއްވާ އެކްސްޕޯގައި އެޗްޑީސީން ބައިވެރިވެއްޖެއެވެ.

އެޗްޑީސީން ބުނީ، މި އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު އަދު މާދަމާ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ.

މި އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ނަންބަރު 15 އިން އާންމުންނަށް އެކި މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން، ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަށް ކުރިމަތިލުމުގައި އޮންނަ މަރުހަލާތަކާއި އަދި އާންމުންނަށް ވަޒީފާއަށް ކުރިމަތިލުމަށް ބޭނުންވާނެ އެހެނިހެން އެހީތެރިކަންވެސް މި ސްޓޯލުން ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، އެޗްޑީސީގެ ރެކްރޫޓްމެންޓް ޕޯޓަލްއަށް ރެޖިސްޓްރީކޮށްގެން ވަޒީފާއަށް ހުށަހަޅާނެ ގޮތުގެ މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށާއި އަދި އެކި ދާއިރާތަކުން 19 ވަޒީފާ އިއުލާންކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އޭގެތެރޭގައި، އެސިސްޓެންޓް ޑިވެލޮޕްމެންޓް ކޮންޓްރޯލް އޮފިސާ، އެސިސްޓެންޓް އެސްޓޭޓް އޮފިސާ، އެސިސްޓެންޓް މެއިންޓެނެންސް އޮފިސާ، ކާޕެންޓާ، ޑިވެލޮޕްމަންޓް ކޮންޓްރޯލް އޮފިސާ، ޑްރައިވާ، އެސްޓޭޓް އޮފިސާ، އިރިގޭޝަން ޓެކްނީޝަން، އައިޓީ ބިޒަނަސް އެނަލިސްޓް، މޭސަން، ނެޓްވޯކް ކޯ އިންޖިނިއާ، ޕްރޮޖެކްޓް މޮނިޓަރިން އޮފިސާ، ކޮލިޓީ އޮޑިޓާ، ކުއޭންޓިޓީ ސާވެއާ، ރިސާޗް އެނަލިސްޓް، ސޭލްސް އޮފިސާ، ސެކިއުރިޓީ އެސިސްޓެންޓް، ސަޕޯޓް ސްޓާފް އަދި ސާވޭއިން އެސިސްޓެންޓް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މި ހުރިހާ ވަޒީފާތަކަށްވެސް ހުށަހެޅޭނީ އެޗްޑީސީގެ ރެކްރޫޓްމެންޓް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.