ހުޅުމާލެގެ 2 ސަރަހައްދެއްގައި އެޗްޑީސީން ވޯލްޑްކަޕް ބެލޭނެ އިންތިޒާމް ހަމަޖައްސަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ދިރިއުޅޭ މީހުނަށް ވޯލްޑްކަޕް ބެލުމުގެ ފުރުސަތު ދިނުމަށް ބޯޅަފޯރީގެ ނަމުގައި އެ ކޯޕަރޭޝަނުން ބޮޑު ސްކްރީން ބެހެއްޓުމުގެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން، ހުޅުމާލެގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑްކަޕް މެޗުތައް އެޅުވުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އެއް ސްކްރީން އަދި ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ސްކްރީން އެޅުވުމަށް ނިންމާފައިވާއިރު މިއީ ހުޅުމާލެގެ ފޭސް1 އަދި ފޭސް 2ގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ވޯލްޑްކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެހެއްޓޭ ސްކްރީންތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ވޯލްޑް ކަޕް ހުޅުމާލެގައި ދެއްކުމުގެ ގޮތުން ޕާޓްނަރުންނާއިއެކު މިއަދު އެޗްޑީސީން ސޮއިކޮށްފައިވާއިރު މެއިން ޕާޓްނަރުންގެ ގޮތުގައި ޔޫތު މިނިސްޓްރީ އަދި ސްޓެލްކޯއާއެކު މިއަދު ސޮއިކޮށްފަިއވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މިހާރު އޮންލައިން، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިންގ ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.