ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމް ތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، މި ފެއާ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ.
މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުން ކުރާގޮތާބެހޭ މައުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ، މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިގޮތުން މި ލަކީ ޑްރޯގެ ތަފާތު އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް، އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗާތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ ފަހުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ. އަދި މި ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މަޢުލޫމާތު، އަދި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ، ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ހިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވަމުންދާ ކަމަށެވެ.