މަސްދުވަސްވަހުގެ ތެރޭގައި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ މިއަދު އިރުއޮއްސި 6 ގެ ކުރިން ދޭން ހޮރައިޒަން ފިޝަރީޒް އިން އެއްބަސްވެއްޖެއެވެ.

ލ. މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްވެރިންނަށް ފައިސާ ނުދޭތާ މަސްދުވަސްވެފައިވާ ކަމަށް ބުނެ، މަސްވެރިން އިހްތިޖާޖަށް ނުކުތީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ އިހްތިޖާޖުގައި ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިން ބައިވެރިވެ، މަސްވެރިންނަށް ފައިސާ ދިނުމަށް ގޮވާލާފައިވެއެވެ.

ކ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ހާނިމް "ދަ ޕްރެސް" އަށް ވިދާޅުވީ، އިހްތިޖާޖުގައި ބައިވެރިވި ކެޔޮޅުންނާއި ވިލާ ގްރޫޕްގެ ސީއީއޯ އިބްރާހީމް ސިޔާދު ގާސިމާއި ހޮރައިޒަން ފިޝަރީޒްގެ އިސްވެރިން ބައްދަލުކުރައްވައި، މަސްދުވަހުގެ ފައިސާ މިއަދު އިރުއޮއްސި 6 ގެ ކުރިން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހޮރައިޒަނުން ފައިސާ ދޭން އެއްބަސްވީ މާންދޫގެ ފަޅުތެރޭގައި އޮތް ދޯނިފަހަރަށް އެކަންޏެވެ.

"މިތާ ފަޅަށް ވަދެ އޮތް 28 ދޯންޏަށް އެންމެ އަވަހަށް ލާރިކޮޅު ހަމަޖައްސައިދެވޭތޯ އެ މީހުން (ހޮރައިޒަނުން) ބަލަމުން އެ ދަނީ، އެމީހުން އެބައޮތް އިރުއޮއްސި 6 ޖަހަންދެކަށް ވަގުތު ދީފަ. އޭގެ ކުރީގަ އެ މީހުން މާންދު އަށް އެ ލާރި ޖަމާކޮށްދޭނެ ކަމަށް. ދެން މާންދު އަށް ލާރި ވަނީމަތާ އަހަރެމެންގެ އެކައުންޓަށް ލާރި ވަންނާނީ."
މުހައްމަދު ހާނިމް | ގުރައިދޫ މަސްވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް

ހާނިމް ވިދާޅުވީ، މަސްވެރިން ކިރާ މަހަށް ދުވަހުން ދުވަހަށް ފައިސާ ނުދެވެންޏާ އެންމެ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ބޭނުންވާ ކަމަށެވެ. ނަމަވެސް ހޮރައިޒަނުން މިހާރު އަމަލުކުރަމުންދާ ގޮތުން، މި މައްސަލަ އަށް ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވެ، ހާނިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"21 ދުވަހުން ނުދެވިގެން އުޅޭ އެއްޗެއް މިހާރު އެ ބަލަނީ އަނެއްކާ ދެން މި ލާރި ލިބުމަށްފަހު ދެން ކިރާ މަހަށް ވެސް މަސްދުވަހުު ލިބޭ ގޮތަށް. އެހެންވީމަ މީ ކުރިއެރުމެއް ނޫންދޯ. ކުރިއަށް ވުރެ ގޯސް ދޯ މިވީ." ހާނިމް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ، މަސްވެރިންނަށް ފަސޭހައިން އައިސް ފަދަ ތަކެތި ލިބޭނެ ގޮޮތް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް މަސްވެރިންނަށް ހަމަ އަގު ނުލިބުމާއި، އައިސް ފަދަ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ މަސްވެރިން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރާ ކަންތައްތަކެވެ.