މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މަސްވެރިންނާއި ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތްކުރަމުންދާ ކަމަށް، ހޮރައިޒަން ފިޝަރީޒް އިން ބުނެފިއެވެ.
މަސްވެރިންނަށް ފައިސާ ނުދޭތާ މަސް ދުވަސްވެ، މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ އަގު ދިނުމަށާއި، އެހެންނޫން ނަމަ، މަސްކޮޅު އޮޑިފަހަރުގެ ޓައްޕަށް އަޅައިދިނުމަށް ގޮވާލައި، ތ. އަތޮޅާއި ލ. އަތޮޅުގެ މަސްވެރިން ވަނީ އިއްޔެ އިހްތިޖާޖުކޮށްފައެވެ. އެ މީހުން ގޮވާލާފައި ވަނީ ކިރާ މަހަށް ބަރާބަރަށް ފައިސާ ދިނުމަށެވެ.
އޭގެ އިތުރުން، އަގުބޮޑުކޮށް ތެލާއި އައިސް މާންދޫން ވިއްކާތީ ވެސް މަސްވެރިން ޝަކުވާކޮށްފައި ވެއެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހޮރައިޒަން ފިޝަރީޒް އިން ބުނީ، އެ ކުންފުނިން މާންދޫގައި ހިންގާ ފެކްޓްރީ އަށް މަސްވެރިން ބާނާ މަސް ގަތުމަށްފަހު، އެއްބަސްވެފައިވާ މުއްދަތުގައި މަސްވެރިންނަށް ފައިސާ ދިނުމަށް އިސްކަމެއްދޭ ކަމަށެވެ. މިއަދާ ހަމައަށް އެއްބަސްވެފައިވާ ކްރެޑިޓް މުއްދަތު ހަމަވެ، އިތުރުވެފައިވާ ބިލެއް ނެތް ކަމަށް ވެސް ހޮރައިޒަނުން ބުނެއެވެ.
ހޮރައިޒަނުން ނެރުނު ބަޔާނުގައި އިތުރަށް ބުނި ގޮތުގައި:
- ސަރުކާރުން ސަބްސިޑީ ލިބިގެން ހިންގާ ކުންފުނިތައް ގޮތަށް އެ ކުންފުންޏަކަށް މަސް ގަނެ ތެލެއް ނުވިއްކޭނެ
- އެކި ސަބަބުތަކާ ހުރެ، މަސް ގަތުމުގެ އިންތިޒާމް ފަސޭހަކުރުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ދަތިތައް ކުރިމަތިވެފައި
"މަސްވެރިންނާއި އަދި މި އިންޑަސްޓްރީއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މި ކުންފުނިން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މި ދަނީ މަސައްކަތް ކުރަމުންނެވެ. މި ކުންފުނީގެ މާންދޫ ފިޝަރީޒް ކޮންޕްލެކްސް އާއި މަސް ކިރާ ދޯނިތަކާ މަޝްވަރާކޮށް، ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް މި ދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައި ބުނެފައިވެއެވެ.
އެ ކުންފުނިން ބުނީ، މަހުގެ އަގު ބޭރުގެ މާކެޓުގައި ދަށްވެފައި ވާތީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައް ހިންގުމަށް ދަތިވެފައިވާ ކަމަށެވެ.
އަދި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ހޮރައިޒަން ހިންގަމުން ދަނީ ގެއްލުމުގައި ކަމަށާއި، ނަމަވެސް އެއްބަސްވެވޭ މުއްދަތުގައި މަސްވެރިންނަށް ފައިސާ ދެނީ ދަރަންޏަށް ފައިސާ ހޯދައި، އެ ކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުން ފައިސާ ހޯދުން ފަދަ ގުރުބާނީތައް ވެގެން ކަމަށް ހޮރައިޒަނުން ބުންޏެވެ.
އަދި އާންމުންގެ ފަރާތުން އެ ކުންފުންޏަށް ލިބިފައިވާ ލޯބި ދަށްކޮށްލަން ސޯޝަލް މީޑިއާގައި އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، ހަގީގަތް އޮޅުވާލަން ހިންގާފައިވާ އެ އަމަލަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ.