ތިލަފުށީގައި 34 ކެމިކަލް ގުދަން ގާއިމު ކުރެވިފައިވާ ވާހަކައާއި އަދި އިތުރު 18 ގުދަނެއް ގައިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެކުންފުނިން ބުނީ މީގެ ތެރެެއިން 34 ގުދަން މިހާރު ބޭނުންކުރަމުންދާ ކަމަށާ ކެމިކަލް ރައްކާކުރުމަށް ބޭނުންވާ އެހެން ގުދަންތައް ވެސް އަޅަމުންދާ ކަމަށެވެ. މިގޮތުން އިތުރު 18 ގުދަނެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އިތުރަށް ބުނީ ކެމިކަލް ގުދަންތަކާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރުމަކީ އަދި އެތަންތަނާ ގުޅޭ އެއްވެސް ކަމަކީ އެޗްޑީސީގެ ޒިންމާއެއް ނޫން ކަމަށާ އެއީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން މި ވާހަކަ އާންމު ކުރީ، އެ ކުންފުނިން މާލޭގައި ކެމިކަލް ގުދަން ހިންގާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސާބިތު ނުހިފޭ ވާހަކަ ދައްކާތީ އެކަން އޮޅުންފިލުވައި ދިނުމުގެ ގޮތުންނެވެ.