ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީން ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކެއް ހިންގަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މިކަމަކީ އެޗްޑީސީން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި އެފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމެއް ކަމަށެވެ.

އަދި އެކުންފުނީގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން މިފަދަ ފަރާތްތައް ބާރުވެރިކުރުވާ މަސައްކަތުގެ މާހައުލަށް އަހްލުވެރިބަޔެއްގެ ގޮތުގައި ބިނާ ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން އަހަރަކު 2 ޕްރޮގްރާމްކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކުމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް އަދި ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށަ އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮގުރާމަކީ މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާއި އެޗްޑީސީއާދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމުތަކެކެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.

އެޗްޑީސީއިން ވަނީ މި އަހަރުތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމާއި ވޮލީ ކޭމްޕު އަދި ޒުވާނުންގެ ދިސާގެ ނަމުގައިވެސް ޕޮރްގްރާމެއް ހިންގާފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު އެކި ޕްރޮގުރާމުތަކެއް ވަނީ އެޗްޑީސީއިން ހިންގާފައެވެ.