ގިނަބައެއްގެ އިތުބާރާއި ޔަގީންކަން ލިބި އިންތިޒާރު ކުރާ އެޕަލް ފޯނު އެސެމްބަލް ކުރާ އެންމެ ބޮޑު ފެކްޓަރީ ކޮވިޑާހެދި ލޮކްޑައުން ކޮށްފިއެވެ.
މި ހިނގާ ނޮވެންބަރު 2 އިން ފެށިގެން 7 ދުވަހަށް ލޮކްޑައުން ކުރުމާއެކު އެޕަލް އިން ވަނީ، އެމީހުންގެ ފޯން ލިބުމުގައި ކުރިއަށް ވުރެ މުއްދަތު ދިގުވެދާނެ ކަމަށާއި އެހެން ވީ، ކޮވިޑް ޒީރޯގެ ސިޔާސަތާއެކު ޗައިނާއިން ތަންފީޒު ކުރާ ލޮކްޑައުންގެ ދަށުން އެ ފެކްޓަރީގެ ބައެއް ބަންދުކުރުމުން ކަމަށެވެ.
ޓައިވާނުގައި ހެޑްކުއާޓަރު ހުރި ނަމަވެސް ޗައިނާގެ ޝެންޒެންގައި ހުންނަ ފޮކްސްކޮން ފެކްޓަރީ އަކީ އެޕަލް ފޯން އެސެމްބަލް ކުރާ ދުނިޔޭގައި ހުންނަ އެންމެ ބޮޑު ފެކްޓަރީއެވެ.
މިކަމާ ގުޅިގެން އެޕަލް އިން އިތުރަށް ބުނީ، ކޮވިޑް ފެށުނީއްސުރެ އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ސިއްހަތަށް ކަމަށާއި މި ފަހަރުގެ މިހާލަތުގައި ވެސް އަމަލު ކުރާނީ ކުރިންވެސް އަމަލުކުރި ގޮތަށް ކަމަށެވެ.
ފެކްޓަރީގެ ބައެއް ލޮކްޑައުން ކޮށް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހިފައިވާ މި ވަގުތުވެސް އައިޕޯން 14 ޕްރޯ އާއި 14 ޕްރޯ މެކްސް އަށް އޮތް ޑިމާންޑް ދަށް ނުވާ ކަމަށް ބުނަމުން އެޕަލް އިން ބުނީ މި ދިމާވި ހާލަތާ ގުޅިގެން ކަސްޓަމަރުންނަށް މަޑުކުރަން ޖެހޭ ވަގުތު އިތުރު ވުމުން، އެންމެ ފަހުގެ 2 ފޯންގެ ޝިޕްމަންޓްތައް މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޗައިނާގެ ކޮވިޑް ޒީރޯ ސިޔާސަތާ ހެދި އެ ގައުމުގައި 1.5 މިލިއަން މީހުން 200 އެތައް ސަރަހައްދެއްގައި ލޮކްޑައުންވެފައި އެބަތިއްބެވެ. ކާބޯތަކެތި ހުސްވެ އަތްމަތިން ފައިސާ ހުސްވެ ބައެއް ސަރަހައްދުތަކުގައި ލޮކްޑައުން އާ ދެކޮޅަށް އާންމުން އަޑުއުފުލަމުންވެސް ދެއެވެ. ނަމަވެސް ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ޗައިނާގައި ހިޔާލުފާޅުކުރުމުގެ މިނިވަން ކަން ހަނިކޮށްފައި އޮންނަ އިރު އިންޓަނެޓާއި ސޯޝަލްމީޑިއާގެ ވަސީލަތްތައްވެސް ސަރުކާރުން ބަލަހައްޓަނީ ސެންސަރު ކޮށްގެންނެވެ.
ކޮވިޑާ ގުޅިގެން ފޯން ފެކްޓަރީ ލޮކްޑައުން ކުރުމުން ގިނަ ބަޔަކު ވަނީ އެތަން ދޫކޮށް އަންނައުނުކޮޅު ވެސް ހިފައިގެން ގޮސްފައެވެ. އެމީހުން އަނބުރާ ވަޒީފާއަށް ގެނައުމަށް އެ ފެކްޓަރީން ވަނީ، އޮކްޓޫބަރު 10 އިން ނޮވެމްބަރު 5 އާ ދެމެދު ފެކްޓަރީން ދިޔަ މީހުންގެ ތެރެއިން އެނބުރި އަންނަ ކޮންމެ މީހަކަށް 69 ޑޮލަރުގެ ބޯނަހެއް ދޭން ހުށަހަޅާފައެވެ. އަދި މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 4 ޑޮލަރު އިތުރު ކުރަންވެސް ހުށަހަޅާފައި ވެއެވެ.
ފޮކްސްކޮން އަކީ ދުނިޔެއަށް ސަޕްލައި ކުރާ އައިފޯނުގެ 70 ޕަސެންޓް އެސެމްބަލް ކުރާ ފެކްޓަރީއެވެ.