ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމް އިން ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާގޮތާބެހޭ މައުލޫމާތު ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި އިވެންޓަކީ ހަމަ ރަނުގެ ފުރުސަތެއް ކަމަށެވެ.

މީގެ ފަހުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން މިފަދަ އިވެންޓްތަކުން ތަފާތު ސައިބާ ކުށްތައް އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް އެހީތެރި ވެދެވޭނެ ކަމަށާއި އަދި މި ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތު، އަދި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އެފަރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ސްޓޯލް އެޗްޑީސީން ހަމަޖައްސައިދޭނެ ކަމަށާއި މި އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކުގައިވާ ފޯމު ފުރާލުމުން ރަޖިސްޓްރީ ވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ހިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ބާއްވަމުންދާ ކަމަށެވެ.

މިގޮތުން އެކުންފުނިން ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ތަފާތު ވިޔަފާރިތަކާއި ގުޅިގެން ސްމާޓްކޮމް ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައި ކަމަށް އެޗްޑީސީން ބުނެއެވެ.