އުތުރު ކޮރެއާއިން މިއަދު ޓެސްޓް ކުރި 17 މިސައިލެއްގެ ތެރެއިން އެކަތި ދެކުނު ކޮރެއާގެ ގޮނޑު ދޮށުން ފެށިގެން 60 ކިލޯމީޓަރާ ގާތަށް ވެއްޓިއްޖެއެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ރައްދުގައި ދެކޮރެއާ ދެމެދުގެ ކަނޑަށް ވައިގެ މަގުން 3 މިސައިލް ފޮނުވާލައި އިންޒާރު ދީފައި ވާ އިރު، އެ ގައުމުން ބުނެފައި ވަނީ އުތުރު ކޮރެއާގެ ކޮންމެ ހަމަލާއަކަށް ފުރިހަމަ އަށް ރައްދު ދިނުމުގެ ގާބިލުކަން ހުރި ކަމަށާއި އުތުރު ކޮރެއާ ކުރާނެ ހާ ކަމެއް ކުރަން ދެން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ.
ދެކުނު ކޮރެއާއިން ވައިގެން މަގުން ކަނޑަށް ދިން ރައްދު ހަމަލާއާ ގުޅިގެން އުތުރު ކޮރެއާއިން ވަނީ 100 އަށް ވުރެ ގިނަ އާޓިލަރީ ޝެލް (ބޮޑު ބަޑިން ޖަހާ އުންޑަ) ފޮނުވާލާފައެވެ. އެތަކެތި އުތުރު ކޮރެއާއިން ފޮނުވާލީ 2018 ވަނަ އަހަރު ދެގައުމުން އެއްބަސްވެ ކަނޑައަޅާފައި އޮންނަ މެރިޓައިން ބަފާ ޒޯން އަށެވެ.
އުތުރު ކޮރެއާއިން މިއަދު މިސައިލްތައް ޓެސްޓް ކުރީ، ދެކުނު ކޮރެއާ އާއި އެމެރިކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު ތަކާ ހެދި ރުޅިގަދަވެންނެވެ. މިކަމާ ގުޅިގެން އުތުރު ކޮރެއާއިން ބުނެފައި ވަނީ، އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ގެންދާ ތަމްރީނުތައް ހުއްޓާލުމަށާއި އެ ޒާތުގެ އަސްކަރީ ހަރަކާތްތައް ބަލައި ނުގަންނާނެ ކަމަށެވެ.
އުތުރު ކޮރެއާގެ މިސައިލް ދެކުނު ކޮރެއާގެ އިމުގެ ތެރެއަށް ވެއްޓުމާއެކު މިއީ 1953 ގައި ދެގައުމުން ނިންމި ހަމަގުރާމައަށް ފަހު، މަޝްރަހު އެންމެ ގޯސްވީ ދުވަހެވެ. އަދި އުތުރު ކޮރެއާގެ މިސައިލެއް ދެކުނު ކޮރެއާގެ އިމުގެ ތެރެއަށް ވެއްޓުނު މިއީ ފުރަތަމަ ފަހަރުވެސް މެއެވެ.
އުތުރު ކޮރެއާއިން ދެކުނަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލި އިތު ދެކުނު ކޮރެއާ އޮތީ ހެލޮވީންގެ ހާދިސާގައި 156 މީހުން މަރުވުމުން ހިތާމަފަޅު ކުރުމުގެ ހާލަތެއްގައެވެ.
މިހާދިސާ އާ ގުޅިގެން ޖަޕާނާއި އެމެރިކާއިން ވަނީ ރުޅިގަދަވެފައެވެ. އަދި އުތުރު ކޮރެއާގެ އަމަލު ކުށްވެރި ކޮށްފައި ވެސް ވެއެވެ.
ދެކުނު ކޮރެއާ އާއި އެމެރިކާ ސިފައިންނާއި ގުޅިގެން މިހާރު ކުރިއަށް ގެންދާ ތަމްރީނުތަކުގައި ހަނގުރާމަ މަތީ 240 ބޯޓެއް 24 ގަޑި އިރު އުދުހި ތަމްރީނުތަކުގައި ބޭނުން ކުރާ ބޮން އަޅާ ދެފަރާތުން ދެފަރާތަށް ހަމަލާދެމުން ދާ އިރު މިއީ މި ފަހުން އެ ދެގައުމު ގުޅިގެން ހިންގާ އެންމެ ބޮޑު ތަމްރީނު ހަރަކާތްވެސް މެއެވެ.