24 އަހަރަށް ފަހު ރަޝިއާގެ ރައީސަކު އުތުރު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުގައި ވެލްޑިމިއާ ޕުޓިން އެގައުމަށް ވަޑައިގެންފިއެވެ.

ޕުޓިން އަށް ލީޑަރު ކިމް ޖޮންގް އުން. ރަތްދޫލައިގެ މަރުހަބާއެއް ވިދާޅުވެފައި ވާއިރު މިއީ އެދެލީޑަރުންގެ މިފަދަ ދެވަނަ ބައްލުވުމެވެ.

މީގެ ކުރިން ކިމް ރަޝިއާ އަށް ރަސްމީ ދަތުރެއް ކުރައްވާފައި ވާއިރު ދެގައުމުގެ ގުޅުން އިތުރު އުސްމިންތަކަކަށް ދާނެ ކަމަށް ދެ ލީޑަރުންވެސް ވިދާޅުވެފައި ވެއެވެ.

މި ދަތުރުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލަން ނިންމާފައި ވާ އިރު، މިއީ ހުޅަނގާއި ދެކުނު ކޮރެއާ އަދި ޖަޕާނުން ރުހޭ ގުޅުމެއް ނޫނެވެ. އެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި، އުތުރު ކޮރެއާއަކީ، ދުނިޔެއާއި ސަރަހައްދުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ރަޝިއާ އަކީވެސް ދުނިޔެއާއި ރަޝިއާ ހިމެނޭ ސަރަހައްދަށް އޮތް ނުރައްކަލެކެވެ. މި ދެގައުމު އެކުގައި ގުޅިގެން ކުރިއަށް ދާނަމަ، ދުނިޔެއަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވާނެ ކަމަށް އެގައުމުތަކުން ބުނެއެވެ.

ޕުޓިން އަށް މަރުހަބާ ވިދާޅުވާން ކިމް އާދަޔާ ހިލާފު މެހެމާންދާރީއެއް އަދާ ކުރައްވާފައި ވާ އިރު އާންމުކޮށް އެގައުމުގެ ރައްޔިތުންނަށް ނުފެންނަ ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ދިއްލާލައި ވަނީ ޒީނަތްތެރި ކޮށްފައެވެ. އަދި ޕުޓިންގެ ޝަރަފުގައި ބޮޑު ޕެރޭޑެއްވެސް ބާއްވާފައި ވެއެވެ.

ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަތުމުން ޗައިނާއިން ވަނީ މަރުހަބާ ކިޔާފައެވެ. ޗައިނާ އަކީ އެ ދެ ގައުމާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށް ވާ އިރު، ޗައިނާވެސް ހިމެނެނީ ހުޅަނގާއި ސަރަހައްދުން ޓައިވާން ފަދަ ގައުމުތަކަށް ހުރި ނުރައްކަލުގެ ލިސްޓުގައެވެ.

ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގެންފައި ވާ އިރު މީގެ ކުރިން އޭނާ ވަނީ ޗައިނާ އަށް ވެސް ރަސްމީ ދަތުރެއް ކުރައްވާފައެވެ.

ޕުޓިން އަކީ ހަނގުރާމައިގެ ޖަރީމާ ހިންގެވި ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ވެރިއެކެވެ. އެ އަމުރާ ހެދި، ބޭނުންހާ ގައުމަކަށް ޕުޓިން އަށް ވަޑައިނުގެންނެވުނު ނަމަވެސް އެ ކޯޓުގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގައުމުތަކަށް ވަޑައިގެންނެވޭނެއެވެ.

ހުޅަނގުން އުތުރު ކޮރެއާ އާއި، ޗައިނާ އަދި ރަޝިއާ އެކަހެރި ކުރަމުން ދާ އިރު، ޕުޓިން ގެންދަވަނީ ހުޅަނގާ ދެކޮޅު ގައުމުތައް އެކަތިގަނޑަކަށް ހައްދަވާ ހުޅަނގާ ދެކޮޅު ވަރުގަދަ ކޯލިޝަނެއް އުފައްދަވަމުންނެވެ.