ދެ ކޮރެއާގެ ދެމެދުގައި ހީލިއަމް ބެލޫންސް ފޮނުވުމަކީ އާ ކަމެއް ނޫން ނަމަވެސް ހުސްވި ހަފްތާ ވެގެން ގޮސްފައިވަނީ ބެލޫން ފޮނުވުމުގައި ތަފާތު މަންޒަރުތަކެއް ފެނުނު ހަފްތާއަކަށެވެ.
އެގޮތުން އުތުރު ކޮރެއާއިން ވަނީ ކުނިބުނީގެ ތެރޭގައި ހިމެނޭ ކަރުދާހާއި ފުޅިއާއި ސިނގިރޭޓް ބަޓާއި އެހެން ގޮސް ކުނިގޮނޑަކުން ފެންނާނެހާ ސާމާނު ހިމެނޭ ކޮތަޅުތަކެއްގައި ބެލޫންސް ޖަހާ ދެކުނު ކޮރެއާއަށް ފޮނުވާލާފައެވެ. އެ ބެލޫންތައް ދެކުނު ކޮރެއާގެ އެތަން މިތަނަށް ވެއްޓިފައިވާ އިރު ބައެއް ބެލޫންތައް ފެޅި އޭގައި އައްސާފައި އޮތް ކުނިކޮތަޅުވެސް ފެޅި މަގުތަކަށް ކުނިއެޅިފައި ވެއެވެ. އަނެއްބައި ބެލޫންތައް ކުނި ކޮތަޅާއެކު މަގު މެދަށް ވެއްޓި ހުއްޓިފައި ވެސް ވެއެވެ.
ހީލިއަމް އަޅާފައި ހުންނަ ބެލޫންއަކީ ވަކި މުއްދަތެއް ވުމުން ނުވަތަ ގިނަ އިރުތަކެއް ވުމުން އޭގެ ޒާތުގައި ތިރިވަމުން ތިރިވަމުން ގޮސް ބިންމައްޗަށް ވެއްޓޭ އެއްޗެކެވެ.
އުތުރު ކޮރެއާގެ ބެލޫން ހަނގުރާމައިގައި 3500 ބެލޫން ފޮނުވާލި ކަމަށް ހަބަރުތަކުން ބުނާ އިރު އޭގެ ތެރެއިން 1000 އެއްހާ ބެލޫން ދެކުނު ކޮރެއާގެ ތެރެއަށް ވެއްޓިފައި ވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
އުތުރު ކޮރެއާގެ މި އަމަލަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެއާއިން ފޮނުވާލީ ކޭ ޕޮޕްގެ ލަވަތަކާއި ކޭ ޑްރާމާގެ ސީރީޒްތައް ހިމެނޭ ޕެންޑްރައިވް ބެލޫންގައި ހަރުކޮށް ވަނީ ފޮނުވާލާފައެވެ. އެގޮތުން 5000 ޔޫއެސްބީ ޑްރައިވް އާއި އުތުރުކޮރެއާގެ ލީޑަރުގެ ހަރަކާތްތައް ކުށްވެރިކޮށް ލިޔެފައި ވާ 200,000 ލީފްލެޓާއި 1 ޑޮލަރުގެ 2000 ނޫޓު, ބޮނޑި ބަނދެފައި ވަނީ ފޮނުވާލާފައެވެ.
ދެކޮރެއާގެ ދެމެދުގައި ބެލޫން ފޮނުވުމުގެ ސަގާފަތެއް އޮންނަ އިރު މީގެ ކުރިން 2015, 2019 ގައި ވެސް މިގޮތަށް ބެލޫން ފޮނުވާފައި ވެއެވެ.
އުތުރު ކޮރެއާއަކީ އެގައުމުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މުޅި ދުނިޔެއާ ވަކިވެފައި އޮންނަ ގައުމަކަށް ވާއިރު ބޯޑަރުން ގުޅޭ ދެކުނު ކޮރެއާ އާ ދެމެދުވެސް ގުޅުމެއް ނޯވެއެވެ. އެ ދެފަރާތުގެ ބޯޑަރު ސަރަހައްދުގައި އެއް ލޭ ހިނގާ އެއް އާއިލާތަކެއް ދިރިއުޅެމުން ދިޔަ ނަމަވެސް އެއްބަޔަކު އަނެއް ބަޔަކަށް ލޮލަކަށް ނުފެނެއެވެ. ބައްދަލެއް ނުވެއެވެ. ބޯޑަރު ހުރަސްކޮށް ދިޔުމަކީވެސް މަނާ ކަމެކެވެ.
ބެލޫން ކުޅިއަކީ މިހެން ދެފަރާތުގެ ދެމެދުގައި އާންމު ރައްޔިތުންނާއި, އެކިއެކި ޖަމާއަތްތަކާއި އަދި ބައެއް ފަހަރު އެކިއެކި އިދާރާތަކުގެ އޮފިޝަލުންވެސް ބައިވެރިވާ ކުޅިއެވެ. މިގޮތަށް ބެލޫން ފޮނުވާތީ މީގެ ކުރިން އެކަން މަނާ ކުރުމަށް ގާނޫނެއް ވެސް ފާސް ކޮށްފައި ވެއެވެ. ނަމަވެސް މިހާރު އެގާނޫނު ސަސްޕެންޑް ކޮށްފައި ވުމުން މި ފެށުނު އާ ސިލްސިލާގައި މަޝްރަހު އިތުރަށް ހޫނުވުމުގެ ފުރުސަތު އޮތް ކަމަށް މުރާސިލުން ބުނެއެވެ.
މިގޮތަށް ފޮނުވާ ބެލޫނާއެކު ހިމެނޭ ކުނިބުނީގައި ހުންނަ ތަކެތީގެ ތެރޭގައި ކެމިކަލް ނުވަތަ އެނޫންވެސް ޒާތެއްގެ އެއްޗެއް ހުރެދާނެ ކަމުގެ ބިރުވެސް އުފެދިފައިވާ އިރު, ބައެއް މުރާސިލުން ބުނަނީ އުތުރު ކޮރެއާއިން ބެލޫން ފޮނުވަނީ ދެކުނު ކޮރެއާ އަށް ދޭ އިންޒާރެއްގެ ގޮތުން ކަމަށެވެ.