އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުންގް އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާ އޮންނަ ގުޅުމުގެ ތެރެއިން ކިން ދުއްވަން ހާއްސަ ކާރެއް ޕުޓިން ހަދިޔާ ކުރައްވައިފިއެވެ.

ޕުޓިންގެ ދުއްވަން ގެންގުޅުއްވާ ކާރާ އެއްގޮތަށް ތައްޔާރު ކޮށްފައި އޮތް ކާރެއް ކިމްގެ އިތުރުން ކޮންމެ ދަރިފުޅަށް ވެސް ޕުޓިން ވަނީ ހަދިޔާ ކުރައްވާފައެވެ.

އދ އިން ކޮރެއާ އަށް އަލާފައި ވާ ދަތިކުރުމުގެ ފިޔަވަޅުގެ ދަށުން އެއްވެސް ބާވަތެއްގެ ވެހިކަލެއް ދިނުމަކީ މަނާކަމެއް ނަމަވެސް ޕުޓިންގެ މިހަދިޔާ އާ ގުޅޭގޮތުން ކިމް ވިދާޅުވީ މިއީ ދެ ވެރިންގެ އެކުވެރިކަމާއި ގާތްކަން ރަމްޒުކޮށްދޭ ލާމަސީލު މިސާލެއް ކަމަށެވެ.

ކިމް އަކީ އާންމުކޮށް ލަގްޒަރީ ބްރޭންޑްތައް ކަމަށް ވާ މާސިޑީޒް މޭބެޗް އެސް600، ރޮލްސް ރޯއިސް، ޕެންޓޮމް އަދި ލެކްސަސް އެލްއެސް570 ބްރޭންޑް ގެ ކާރުތައް ދުއްވާ ބޭފުޅެކެވެ.

ޕުޓިން ދެއްވި ކާރުގައި ބްރޭންޑެއް ނެތް ނަމަވެސް އެއީ ރަޝިއާގައި ޕުޓިންވެސް ބޭނުން ކުރައްވާ ކާރުގެ ވައްތަރެކެވެ.

ކަޅުކުލައިގެ މާސިންގާ ލަގްޒަރީ ކާރުގައި ކިމް އިންނަވާ ފޮޓޯތައް އާންމު ކޮށްފައި ވާ އިރު، ކިން އިންނެވީ އުފަލުންނެވެ.

ވިދާޅުވީ އެއީ ޕުޓިންގެ ހާއްސަ ހަދިޔާއެއް ކަމަށާއި އެއީ 'ބެސްޓް' ކަމަށެެވެ.

ކިމް އާއި ޕުޓިންގެ ގާތްކަމުގެ ތެރެއިން ކިމް ވަނީ ދާދި ފަހުން ރަޝިއާއަށް ވެސް ވަޑައިގެންފައެވެ. އެ ދަތުރުގައި ކިމް ވަޑައިގަތީ އޭނާއަށް ހާއްސަކޮށް ރައްޔާރު ކޮށްފައި އޮންނަ ރޭލެއްގައި އެއްގަމު މަގުންނެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ގޮތް ނޭނގޭ އެދަތުރުގައި ކިމް ވަނީ ރަޝިއާއަށް ގިނަ އަދަދެއްގެ ހަތިޔާރު ދެއްވާފައެވެ. އަދި އެ ހަތިޔާރު މިހާރު ކުރިއަށް ދާ ޔޫކްރައިން ހަނގުރާމައިގައި ރަޝިއާ އިން ބޭނުން ކުރާ ކަމަށް ވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ކިމް ގެ އެ ދަތުރުގައި ރަޝިއާގެ ސެޓެލައިޓް އަދި މިސައިލް ޓެކްނޮލޮޖީ ކޮރެއާއަށް ހޯދުމާ ގުޅޭ ގޮތުންނާއި އެނޫންވެސް ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކޮށް އެއްބަސްވެފައި ވެއެވެ. އެ ދަތުރަށް ފަހު ޕުޓިން ވަނީ ކޮރެއާއިން ބޭނުންވާ ސެޓެލައިޓް ޓެކްނޮލޮޖީ އެގައުމަށް ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.