އަންނަ އަހަރަށް ވެސް ބައެއް ޓަވަރުތައް ނިމޭ އިރު ޖުމްލަ ގޮތެއްގައި ހުރިހާ ޓަވަރެއް ނިމޭނެ ކަމަށް ބެލެވެނީ 2024 ގައި ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮމްނަޓް މެނޭޖާ އަހުމަދު ޝަމޫލް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފުސީލު ދިނުމަށް ހައުސިން މިނިސްޓްރީ، އެފްޑީސީ އަދި އެޗްޑީސީ ގުޅިގެން ބޭއްވި އިވެންޓެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމޫލް ވިދާޅުވީ މަޝްރޫއުގެ ކޮންސްޓްރަކްޝަން ފޭސް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށާއި އެއީ ބޮޑު މަޝްރޫއެއް އެއް ފަހަރާ ތަރައްގީ ކުރަން ބަލާއިރު ބޭނުންވާ ސާމާނު ބެހެއްޓުމަށް ތަނެއް ބޭނުންވާތީ ކަމަށެވެ. އަދި ވަގުތީ ސައިޓަކާއި މެޓީރިއަލް ސްޓޯރޭޖައް ބައެއް ސައިޓްތައް މި ވަގުތު ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމޫލް ވިދާޅުވީ ކޮންމެ މަޝްރޫއެއްގައި ތަރައްގީ ކުރަނީ 2000 ހައުސިން ޔުނިޓު ކަމަށައި އެއީ 600 ދެ ކޮޓަރީގެ އެޕާޓްމަންޓް 1200 ތިން ކޮޓަރީގެ އެޕާޓްމަންޓު ކަމަށާއި ތިން ކޮޓަރި އެޕާޓްމަންޓެއްގައި ހިމެނެނީ 900 އަކަފޫޓު ކަމަށެވެ. އަދި ދެ ކޮޓަރި އެޕާޓްމަންޓެއްގައި ހިމެނެނީ 600 އަކަފޫޓު ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ފުލެޓް ޓަވަރެއްގެ މަސައްކަތް ކުރަނީ/ ފޮޓޯ: ދަ ޕްރެސް

މައިގަނޑުގޮތެއްގައި ހުރިހާ ޓަވަރެއްގެ ރާފްޓްގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި ޖޭއެމްސީގެ ފްލެޓްގައި ތިންވަނަ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެންބީސީސީގެ އެކި ފްލެޓްތައް ހުރީ އެކި ސްޓޭޖްގައި ކަމަށް ޝަމޫލް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުގައި ވެރިކަމުގެ ފަހު އަހަރާއި ހަމައަށް ދިޔައިމަ ނޫނީ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތަކުގެ ބިންގާ އެޅުނުތަނެއް ވެސް ފެނިފައިނުވާ ކަމަށާއި މި ސަރުކާރުގައި 2020 ވަނަ އަހަރުން ފެށިގެން ދަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަމުން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު އަޅަމުންދާ ފުލެޓް ޓަވަރެއްގެ މަސައްކަތް ކުރަނީ/ ފޮޓޯ: ދަ ޕްރެސް

އެ މަޝްރޫއު ކުރިއަށްދަނީ އެކި ސްޓޭޖްތަކަށް ބަހާލައިގެން ކަމަށާއި އަންނަ އަހަރުގެ މެއި މަހަށް ބައެއް ޓަވަރުތައް ނިމޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދޭ ކަމަށްވެސް އާރިފް ވިދާޅުވިއެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް، 32 ޓަވަރަކަށް ބަހާލައިގެން އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ބޮޑު ދެ ކުންފުންޏަކާ ދެމެދު އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ)އާއެވެ. އެ މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރި އަދި ތިން ފާހަނާގެ 2،800 ޔުނިޓް އަދި ދެ ކޮޓަރި އަދި ދެ ފާހަނާގެ 1،200 ޔުނިޓެވެ. މި މަޝްރޫއަށް 227 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.