އެޗްޕީއޭ އާ ގުޅިގެން އެޗްޑީސީން ފަށާ "ޑެންގީ އިޖާބަ" ހަރަކާތް ފެށުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ މަދިރި އާލާވާނެ ކަމަށް ދެނެގަނެވިފައިވާ ސަރަހައްދުތައް މިއަދު ސާފުކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުން މިއަދު ފެށި އެ ހަރަކާތުގައި 600 އެއްހާ މީހުން ބައިވެރިވި ކަމަށް، އެޗްޑީސީން ބުންޏެވެ. ބައިވެރިންގެ ތެރޭގައި އެޗްޑީސީގެ މުވައްޒަފުންނާއި، ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، ބައެއް ސްކޫލްތަކުގެ ދަރިވަރުން ވެސް ހިމެނެއެވެ.

"ޑެންގީ އިޖާބަ" ގެ ދަށުން އެޗްޑީސީން ބޭއްވި ސާފުކުރުމުގެ ހަރަކާތުގެ ބައެއް ބައިވެރިން ހުޅުމާލެ ތެރެ ސާފުކުރަނީ / ފޮޓޯ: އެޗްޑީސީ

މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ސާފުކޮށްފައި ވަނީ ހުޅުމާލޭގެ ދެ ފިޔަވަހީގައި މަދިރި އާލާވާނެ ތަންތަން ކަމަށް ދެނެގަނެވިފައިވާ ސަރަހައްދުތަކެވެ.

މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، މި އަހަރު ރާއްޖެ އަށް ވިއްސާރަކުރުން އިތުރުވުުމުގެ ސަބަބުން، މަދިރި އާލާވާ މިންވަރު އިތުރުވެ، ޑެންގީ ހުން ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދު ބާއްވާ ހަރަކާތަކީ ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކޮށް، އެކަމަށް ހޭލުންތެރިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑެންގީ އިޖާބަ" ހަރަކާތް ފެށުމުގެ ގޮތުން އެޗްޑީސީގެ އެމްޑީ އަހްމަދު އާތިފް ވާހަކަ ދައްކަވަނީ / ފޮޓޯ: އެޗްޑީސީ

ކުރިއަށް އޮތް ތަނުގައި "ޑެންގީ އިޖާބަ" ގެ ދަށުން މިފަދަ އިތުރު ހަރަކާތްތައް ބާއްވާނެ ކަމަށް، އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ވަނީ މީގެ ހަތަރު ދުވަސް ކުރިން ވެސް، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ހިޔާ ފްލެޓް ސަރަހައްދުގައި ކޮށްފައެވެ.

ޑެންގީ ހުމުގެ ނުރައްކާ ބޮޑުވަމުން ދާތީ ބަލިން ރައްކާތެރިވުމަށާއި، ޑެންގީ ހުމުގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް، އަދި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

ޑެންގީ ހުމުގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށާއި، މާބަނޑު މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށެވެ.

ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމުގައި ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވެއެވެ. އެޗްޕީއޭއިން ބުނި ގޮތުގައި މި އަހަރު ގިނައިން ވިއްސާރަކޮށް، މިހާރު ވެސް ވިއްސާރަކުރަމުން ދާތީ މަދިރި އާލާވެ، އިތުރުވާނެ ކަމަށް ބެލެވެއެވެ.