ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިން ސްޓޭޝަންތައް ހުޅުމާލޭގައި ހަދަން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ހުޅުމާލޭގައި ހަތަރު ޗާޖިން ސްޓޭޝަން ހަދަން ނިންމާފައިވާ ކަމަށެވެ.

މި ސްޓޭޝަންތައް މެދުވެރިކޮށް ބާޒާރުގައި ހުރި ހުރިހާ ނުވަތަ ގިނަ އިލެކްޓްރިކް ވެހިކަލްތައް ޗާޖު ކުރެވެން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖިން ސްޓޭޝަންތައް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 3:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ، އެ ޕްރޮޖެކްޓަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި ޗާޖިން ސްޓޭޝަން ހެދުމުގެ މަސައްކަތް ކުރަން ޖެހޭނީ މަސައްކަތް ކުރިއަށްގެންދާ ފަރާތުން ކަމަށެވެ.

އެޗްޑީސީން ބުނީ، މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އެޗްޑީސީ އާއި ޕްރޮޖެކްޓުގެ ސަޕްލަޔަރާ ގުޅިގެން ހަމައަށް ބަހާލައިގެން ކަމަށެވެ.