މިއަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތުގެ ދަށުން މިއަދާ ހިސާބަށް ރާއްޖޭގައި ދިރިއުޅޭ 355،331 ދިވެހިންގެ މައުލޫމަތު އެއްކޮށްފައި ވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

އެ ބިއުރޯއިން ބުނީ މިއީ 2014 ވަނަ އަހަރުގެ ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އަދަދެއްގެ ގޮތުގައި ބޯހިމެނުމުން ގުނުނު އަދަދުގެ 16،897 މީހުން އިތުރު އަދަދެއް ކަމަށާއި މިއަހަރު މިހާތަނަށް ގުނިފައިވާ އާބާދީއަކީ އިދާރީ ރިކޯޑްތަކުން ބަލާއިރު ރާއްޖޭގެ ރަޖިސްޓްރީ ވެފައިވާ އާބާދީގެ 89 ޕަސެންޓު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީއިންގެ އާބާދީއަށް ބަލާއިރު މިހާތަނަށް ގުނިފައި ވަނީ 97،164 ކަމަށާއި އެއީ އިމިގްރޭޝާންގެ ރިކޯޑްތަކުން ދައްކާ ބިދޭސީންގެ އާބާދީގެ 65 ޕަސެންޓް ކަމަށް ބިއުރޯއިން ބުނެއެވެ. އަދި އެ އަދަދު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ވަޒީފާތަކަށް ބިދޭސީން ގެނެސްފައިވާ އެމްޕްލޯޔަރުންނާއި ގުޅިގެން އިތުރު މަސައްކަތްތަކެއް ބިއުރޯއިން ދަނީ ކުރަމުންނެވެ.

ތަޅުލާފައިވާ ތަންތަނާއި ބޯހިމެނިފައިނުވާ ފަރާތަކާއި އެ ބިއުރޯގެ ފަރާތުން ގުޅުމުން ނުވަތަ ޒިޔާރަތްކުރުމުން ދިން އެއްބާރުލުމަށް ބަލާ ބޯހިމެނުމުގެ މައުލޫމާތު ފުރިހަމަ ކުރުމަށް މިވަގުތު އެންމެ އެކަށީގެންވާ ގޮތަކީ އެ ފަރާތްތަކާއި ގުޅައިގެން މައުލޫމާތު ލިބެމުންދާ މިންވަރަކުން މައުލޫމާތު ނަގަމުން ގެންދިއުންކަމަށް އާބާދީއާ ގުޅޭ ތަފާސްހިސާބުގެ މާހިރުންގެ ލަފާދެއްވާފައިވާ ކަމަށާއި މިހާރުން ފެށިގެން ނޮވެންބަރު މަހުގެ 10 ގެ ނިޔަލަށް ޕޯސްޓް އެނިއުމަރޭޝަން ކޮލިޓީ ވަޒަންކުރުމަށް ސާވޭއެއްވެސް ކުރިއަށް ގެންދިއުމަށް ބިއުރޯއިން ވަނީ ނިންމާފައެވެ.

ބިއުރޯއިން ވަނީ ބޯހިމެނުމަށް މައުލޫމާތު ދިނުމަކީ ގާނޫނުން އެންމެހާ ފަރާތްތަކަށް ލާމިޒުކުރާ ކަމަކަށްވާއިރު މިހާތަނަށް ބޯހިމެނިފައިނުވާ ގޭބީސީތަކުން ބިއުރޯގެ ހޮޓްލައިން ނުވަތަ 3008400 އަށް ގުޅާ ނުވަތަ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކުރުމަށް އެދިފައެވެ.