ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި އެބޭކަލުން ކުރެއްވި މަތިވެރި ޖިހާދަކީ އެއިން ޢިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަހުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި ގައުމީ އަބްތޯލުންގެ ޒިކުރާ އާކުރައްވަމުން ޅެން ބައިތަކުން ވިދާޅުވީ؛
"ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ
ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ
ފިދާކޮށް މި ވަތަނަށްޓަކާ ރޫޙު ޖާނާ"
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ލޮބުވެތި ގައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ މަތިވެރި އަބްތޯލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފައެވެ.
މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާ ގުޅުވައިގެން، ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާގައި މިއަދު ހެނދުނު ވަނީ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ފަރާތުން މިއަދު ހަވީރު މިލިޓަރީ ޑިސްޕްލޭއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭގައެވެ.
