125 މިލިއަން މީހުންގެ އާބާދީއެއް އޮތް ޖަޕާނުގެ ކޮންމެ 10 މީހަކު އެކަކީ އުމުރުން 80 އަހަރުން މައްޗަށް ގޮސްފައި ވާ މީހެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގައުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 29.1 ޕަސެންޓް މީހުންނަކީ މިހާރު އުމުރުން 65 އަހަރުން މައްޗަށް ގޮސްފައި ވާ މީހުންނެވެ.
ދަރިމައިވުން އެންމެ މަދު ގައުމުގެ ގޮތުގައި ރެކޯޑް ކުރެވިފައި އޮތް ޖަޕާނުގެ މުސްކުޅި އާބާދީ ބޮޑުވެފައި ވާ އިރު، އެ އާބާދީއަށް އަމާޒު ކުރެވޭ އިންތިޒާމުތަކާއި ހިދުމަތްތައް ދިނުމުގައި ގޮތްޖެހުންތައް ވަނީ ދިމާވެފައެވެ.
އދ އިން އާންމު ކޮށްފައި ވާ ހިސާބުތަކުން ދައްކާ ގޮތުން، އެންމެ މުސްކުޅިން ގިނަ ގައުމަކީ ޖަޕާނެވެ. ދެވަނައިގައި 24.5 ޕަސެންޓާއެކު އޮތީ އިޓަލީއެވެ. 23.6 ޕަސެންޓާއެކު ފިންލޭންޑް އޮތް އިރު ޖަޕާނުގެ އާބާދީ 2040 އަށް ދާއިރު 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް 34.8 ޕަސެންޓަށް އަރާނެއެވެ.
މުސްކުޅި އާބާދީ ބޮޑުވެފައި ވާ ޖަޕާނުގައި އާންމު މަސައްކަތު އުމުރު [65 އަހަރު] އިން މަތީގައިވެސް 13 ޕަސެންޓް މީހުންނަކީ ވަޒީފާ އަދާ ކުރާ މީހުންނެވެ.
19 ވަނަ ގަރުނަށް ފަހު ދަރިމައިވުން އެންމެ ދަށް އެއްގައުމުގެ ގޮތުގައި ޖަޕާން ފާހަގަވެގެން ގޮސްފައި ވާ އިރު މިދިޔަ އަހަރު ވިހާފައި ވަނީ 800،000 ކުދިންނެވެ. އޭގެ ކުރިން 1970ގެ ތެރޭގައި އަހަރެއްގެ މައްޗަށް 2 މިލިއަން ކުދިން އެގައުމުގައި ވިހާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދަރިމައިވާ ނިސްވަތް ދަށްވެ މުސްކުޅިން ގިނަވާ މައްސަލައިގައި ގައުމުގެ އިގްތިސޯދަށް ވެސް ނޭދެވޭ އަސަރުތައް ކުރަމުން އަންނަ އިރު، އެގައުމުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހާއްސަ ބަޖެޓްތަކެއް އެކުލަވާލައި ދަރިމައިވުމަށް ހިތްވަރު ދިނުމުގެ ގޮތުން މާލީ އެހީތެރިކަން ދޭން ނިންމާފައެވެ. އޭގެ އިތުރުން ޖަޕާނުގައި ވަޒަންވެރިވާން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ޒުވާން މަސައްކަތްތެރި ޖީލެއް ނެތި ގައުމު ނުހިނގާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވެފައި ވާ އިރު، މަސައްކަތުގެ މާހައުލަށް ވެސް ބަދަލުތަކެއް ގެނެސް މަސައްކަތުގެ ވަގުތުތައް ކުޑަކުރުމަށް ވެސް އެގައުމުން ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ޖަޕާނުގެ އިތުރުން އޭޝިއާގެ ބައެއް ބޮޑެތި ގައުމުތައް ކަމަށް ވާ ޗައިނާ، ދެކުނު ކޮރެއާ ފަދަ ގައުމުތަކުގައި ވެސް ދަރިމައިވާ ނިސްބަތް މަދުވެ ދަނީ ނުތަނަވަސްކަން އުފެދެމުންނެވެ.