ސިފައިންގެ އޮޕަރޭޝަނަލް ގށބިލްކަން އިތުރުކޮށް ވަސީލަތްތައް ގާއިމުކުރުމަށްޓަކައި، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އުމްރާނީ ބިނާއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ މަޝްރޫއެކެވެ.

ސިފައިންގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމަށްވާ "ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިން" ގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމާ ގޮތަށެވެ. މިއީ ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް ބޭނުންތައް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކަޅުތުއްކަލާކޮށީގައި އިމާރާތްކުރާ 'އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް' އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

މި އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ފާތިމަތު މިޒްނާ އަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ޖޯ ވޭދޯންއެވެ.

މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޣިޔާސްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ދިފާއީ ވުޒާރާ އަދި ރޯޓައިމް އިންޖިނިއަރިންގް ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.