ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ޓާޝަރީ ހޮސްޕިޓަލުތަކާއި ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ނިންމެވުމާއެކު ހޮސްޕިޓަލުތައް ހިންގަމުންދާނީ އެއް ގަވަނިން ބޯޑެއްގެ ދަށުން، 'ހައިބްރިޑް ސެންޓްރަލައިޒްޑް' މޮޑެލްއަކަށެވެ. އަދި މި ބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ އިތުރުން ރީޖަނަލް 5 ހޮސްޕިޓަލެއްގެ ގަވަނިން ބޯޑުތައް މިހާރު ވަނީ އުވައިލައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.

އަލަށް އުފެއްދެވި އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ޖަވާބުދާރީވާ، އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއާ ގުޅިގެން މަސައްކަތްކުރާނެ ބޯޑެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން މި ބޯޑާއި، ބޯޑުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އެންމެހައި ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓާޝަރީ ހެލްތު ސާވިސަސްއެވެ.

ޖުމްލަ 18 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޓީއެޗްޖީގެ ގަވަނިން ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށްވާ ޑޮކްޓާ އަބްދުލްޢަޒީޒު ޔޫސުފެވެ. އަދި ވައިސް ޗެއާޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސައިން ހަލީމެވެ.

މީގެ އިތުރުން މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެނިހެން މެންބަރުންނަކީ:

  • އިބްރާހީމް އަބްދުއްރައްޒާހު ހަލީމް (ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ)
  • ޑޮކްޓާ އިބްރާހީމް ޔާސިރު އަހްމަދު (ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއް)
  • ނަޔާޒު އަހްމަދު (ޕްރައިމަރީ ހެލްތްކެއާގެ ތަޖުރިބާކާރެއް)
  • ޑޮކްޓާ މަރްޔަމް ޖެނިފާ (ޕަބްލިކް ހެލްތު ދާއިރާގެ ތަޖުރިބާކާރެއް)
  • ފާތިމަތު އާފިޔާ ވަހީދު (ނާސިން ދާއިރާގެ ތަޖުރިބާކާރެއް)
  • މޫސާ ކަލީމް ގާސިމް (ހުޅުމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  • މުހައްމަދު މަބްރޫކް (ވިލިމާލެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  • އާލިމް ޝަކީލް (ވިލިމާލެ ހޮސްޕިޓަލްގެ އިސް މުވައްޒަފެއް)
  • ތަސްލީމާ (މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ރެޕްރެޒެންޓޭޓިވް)
  • އާދަމް ބަދުރުﷲ (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ ރެޕްރެޒެންޓޭޓިވް)
  • ނާޒިމާ އަލީ (ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ޑޮކްޓާ އަހްމަދު އަދީލް ނަސީރު (އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ހުސައިން އާސިފް (އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ)
  • އަހްމަދު އަޝްރަފް (ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ)
  • އަބްދުލްހަންނާން އަބްދުއްރަހީމް (ގަން ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ)
  • ފަތުހުﷲ ނަސީމް (ފުވައްމުލަކު ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެހުންނެވި އިސްވެރިޔާ)

މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް އެއް ފެންވަރެއްގައި، އަދި ހަރުދަނާ އިންތިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.