ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހެނދުނު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މާލޭގައި ހުންނަ ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ހަސަން ރަޝީދެވެ.

ދިވެހިރާއްޖޭގެ އިއްޒަތާއި ގައުމީ މިނިވަންކަން ދިފާއުކުރުމުގައި 1988 ނޮވެންބަރު 3 ގައި ޝަހީދުވި މަތިވެރި ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ އިތުރުން ސިފައިންގެ ހާއްސަ ލަވަޔާއި ދުއާ ކުރުން ކުރިއަށްދިޔައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި އަސްކަރިއްޔާގެ އިސް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ފަތިހު ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުންނެވެ. އެ ނަމާދުގައި ގައުމުގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ، ގައުމަށް ނަސްރާއި ނަސީބު މިންވަރުކޮށްދެއްވިކަމަށްޓަކައި ﷲ ތައާލާއަށް ޝުކުރު ދަންނަވައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުއާކޮށްފައިވެއެވެ.