ރަޝިއާގައި އުފަންވާ ރޭޓް [ބާތް ރޭޓް] ދަށްވުމާއި ހަނގުރާމައިގެ ހާލަތުގައި މަރުވާ މީހުންގެ އަދަދުތައް މަރިވަމުންދާތީ ކޮންމެ ދެމަފިރިއަކު މަދުވެގެން 8 ކުދިން ހޯދަން އެގައުމުގަ ރައީސް ވްލަޑިމިއާ ޕުޓިން އެދިވަޑައިގެންފިއެވެ.
ޕުޓިން މިކަމަށް ގޮވާލެއްވީ, މޮސްކޯގައި ބޭއްވި 'ވޯލްޑް ރަޝިއަން ޕީޕަލްސް ކައުންސިލް' އަށް ވީޑިއޯ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައެވެ.
ޕުޓިން ވިދާޅުވީ, އާބާދީ އިތުރު ކުރުމަކީ ރަޝިއާގެ މުސްތަގުބަލާއި ކުރިއަށް އަންދާރާ ކުރެވިފައި ހުރި މުހިންމު އަމާޒުތަކާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށާއި އާބާދީ އިތުރު ކުރުމަށް އާއިލާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ, މިހާރުގެ ބައެއް އާއިލާތަކުން ގިނަވެގެން 4 ނުވަތަ 5,6 އަދި 7 ކުދިން ހޯދާކަމަށާއި ނަމަވެސް އެމީސްމީހުންގެ މާމަމެން އަދި މުނިމާމަމެންގެ ޖެނެރޭޝަނަށް ބަލާލައިފި ނަމަ ކޮންމެ އާއިލާއެއްގައި 8,9 ކުދިން ތިބޭ ކަމަށެވެ.
އެހެން ކަމުން ބޮޑެތި އާއިލާތައް އުފެއްދުމަށް އަމާޒު ހިފުމަކީ އުފާވެރި އާއިލާއެއް އޮތުމަށާއި އެގައުމުގައި ދެމިގެން އަންނަ ސަގާފަތް ދިރުވާ ދެމެހެއްޓުމަށް ވެސް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ, މިހާރުވެސް އެކިއެކި ސޯޝަލް ބެނެފިޓްސް ލިބޭ ޕްރޮގްރާމުތައް ހުރި ކަމަށާއި އެ ފަދަ ޕްރޮގްރާމުތަކުގެ އެހީގައި ގައުމުގެ މާލީ ހާލަތު އޮތް ގޮތުންވެސް އާއިލާތަކަށް އެހީތެރިކަން ލިބެމުން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ, ބަޖެޓުގެ ދަތިކަން އޮތްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް ހުރިހާ ކަމަކީ އެ ދަތިކަމަށް ބަރޯސާވެގެން ތިބުން ނޫން ކަމަށެވެ. އެގޮތުން އަމިއްލަ މީހާގެ ނަޒަރިއްޔާތުންވެސް ވިސްނަން ޖެހޭ ކަމަށާއި, ލޯތްބާއި އިތުބާރާއި ހަރުދަނާ ބިންގަލެއްގެ މަތީގައި އާއިލާއެއް ބިނާކޮށް އަދި ބޮޑު އާއިލާއެއް އޮތުމަކީ އެތައް ގޮތަކުން ފައިދާ ކުރާނޭ ކަމެއް ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން, ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި މިހާތަނަށް ވަނީ 300,000 އަށް ވުރެ ގިނަ ސިފައިން މަރުވެފައެވެ. އަދި 2023 ގެ ޖެނުއަރީ ފެށުނު އިރު އެގައުމުގެ މުޅި އާބާދީ އަކީ 146 މިލިއަން ކަމަށާއި އެއީ މިހާރުގެ ރައީސް ޕުޓިން ވެރިކަމަށް ވަޑައިގަތް އިރު ހުރި އަދަދަށް ވުރެ ދަށް އަދަދެއް ކަމަށެވެ.
އާބާދީގެ މައްސަލައަކީ ހަމައެކަނި ރަޝިއާއަށް ދިމާވެފައިވާ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އެންމެ އާބަދީ ބޮޑު ޗައިނާވެސް މިހާރު ވަނީ ވިހާ ރޭޓް ދަށްވެ ދުނިޔޭގެ ދެވަނައަށް ވެއްޓިފައެވެ. ޖަޕާނާއި، ކޮރެއާ ވެސް މިވަގުތު ތަހަންމަލް ކުރަމުން ދަނީ އުފަންވާ ރޭޓް އިންތިހާހަށް ދަށްވަމުން ދާ މައްސަލައަށް ހައްލެއް ނުލިބި އޮތް މައްސަލައިގައެވެ.