ބަންގްލަދޭޝްގެ ހެދުން އުފައްދާ ކާރުހާނާތަކުގެ މަސައްކަތްތެރިން އެންމެ ކުޑަ އުޖޫރަ ބޮޑުކުރުމަށް ގޮވާލައި ދަނީ މުޒާހަރާކުރަމުންނެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންފްލޭޝަނާއި ދިރިއުޅުމުގެ ހަރަދުތައް އުފުލުމާ ގުޅިގެން ހޮނިހިރު ދުވަހު މަސައްކަތް ހުއްޓާލައި މަގުތަކަށް ނުކުތް މި މަސައްކަތްތެރިން ޑިމާންޑްކުރަނީ މިހާރު ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރަ ކަމަށްވާ 12،500 ޓާކާ (102 ޑޮލަރު) ގެ ބަދަލުގައި، އޭގެ ދެގުނައަށް ވުރެ ބޮޑު އަދަދެއް ކަމަށްވާ 30،000 ޓާކާ (241 ޑޮލަރު) އަށް އުޖޫރަ މަތިކޮށްދިނުމަށެވެ.
އެ ގައުމުގެ ހެދުން އުފައްދާ ކާރުހާނާތަކުގައި ގާތްގަނޑަކަށް ހަތަރު މިލިއަނެއްހާ މީހުން މަސައްކަތްކުރާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ. ޗައިނާ ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އަންނައުނު އެކްސްޕޯޓްކުރާ ބަންގްލަދޭޝްއަކީ އެޗްއެންޑްއެމް، ޒާރާ، ލީވައި ސްޓްރައުސް، ވޯލްމާޓް އަދި ޕްރައިމާކް ފަދަ ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑްތަކަށް ތަކެތި ފޯރުކޮށްދޭ މައިގަނޑު އެއް ގައުމެވެ. ފާއިތުވި މާލީ އަހަރު އެ ގައުމަށް އެކްސްޕޯޓުން ލިބުނު 39 ބިލިއަން ޑޮލަރުގެ އާމްދަނީގެ 80 އިންސައްތައަށް ވުރެ ބޮޑު ހިއްސާއެއް އޮތީ ވެސް މި ސިނާއަތުގައެވެ. ނަމަވެސް، އެ ފޭރާންތައް ފަހާ މަސައްކަތްތެރިން ބުނާ ގޮތުގައި އެ މީހުންނަށް ލިބޭ އުޖޫރައިން މިހާރު ދިރިއުޅުމުގެ އަސާސީ ހަރަދުތައް ވެސް ހަމައެއް ނުޖެހެއެވެ.
ވެރިރަށް ޑާކާ ކައިރީގައި ހުންނަ ވާޗުއަލް ބޮޓަމްސް ލިމިޓެޑް ކާރުހާނާގައި ފަހަން އިންނަ ތަޖުރިބާކާރު އޮޕަރޭޓަރެއް ކަމަށްވާ އުމުރުން 37 އަހަރުގެ ލައިލީ ބޭގަމް އަލްޖަޒީރާއަށް ބުނީ، އޭނާއަށް މަހަކު ލިބެނީ ގާތްގަނޑަކަށް 15،000 ޓާކާ (121 ޑޮލަރު) ކަމަށާއި، އިތުރުގަޑީގައި މަސައްކަތްކުރުމުން ބައެއް މަސްމަހު އެ އަދަދު 18،000 އާއި 20،000 ޓާކާ (145 އާއި 161 ޑޮލަރު) އާ ދެމެދަށް އަރާ ކަމަށެވެ. ހަރަދު ބޮޑުވުމުގެ ސަބަބުން އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅާއި 12 އަހަރުގެ ފިރިހެން ދަރިފުޅު މިއަހަރުގެ ކުރީކޮޅު ސްކޫލުން ވަކިވެފައިވާ ކަމަށާއި، ދުވާލަކު ރަނގަޅު އެއް ކެއުން ވެސް ހަމަޖެއްސެނީ ކިރިޔާ ކަމަށް އޭނާ ބުންޏެވެ. އަދި ބަނޑުހައިހޫނުކަމުގައި ތިބެންޖެހުމުގެ ސަބަބުން ފިރިހެން ދަރިފުޅު ހިކިގެންގޮސް މޭކަށިތައް ގުނާލެވޭ ވަރުވެފައިވާ ކަމަށާއި، މަންމައާއި ދެ ކުދިންނާއެކު އެއް ކޮޓަރީގައި އުޅުމަށް ކުލީގެ ގޮތުގައި 3،500 ޓާކާ (28 ޑޮލަރު) ދައްކާއިރު، ސިރާޖްގަންޖް ޑިސްޓްރިކްޓްގެ އަވަށުގައި ދިރިއުޅޭ އޭނާގެ ބައްޕަ ވެސް ބަރޯސާވަނީ އެ އާމްދަނީއަށް ކަމަށް ބޭގަމް ބުންޏެވެ. މީގެ އިތުރުން، ގާތްގަނޑަކަށް 2،200 ޓާކާ (18 ޑޮލަރު) އަށް ލިބޭ ގޭސް ސިލިންޑަރެއް ގަނެވޭނެ ފަދަ ނެތުމުން، ކައްކަނީ އުކާލާފައި ހުންނަ ކަރުދާހާއި އެހެނިހެން ތަކެތި އަންދައިގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ހަމަ އެފަދައިން، އަޝޫލިއާގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ރަސެލް ހާން ބުނީ، އިތުރުގަޑިއާއެކު މަހަކު ލިބޭ 18،000 އާއި 20،000 ޓާކާއިން އޭނާގެ އަނބިމީހާއާއި ދަރިފުޅުގެ އިތުރުން މަންމައާއި ކޮއްކޮ ހިމެނޭ އާއިލާ ނުބެލެހެއްޓޭ ކަމަށެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނަގަންޖެހުމުގެ ސަބަބުން އޭނާގެ ބޮލުގައި މިހާރު 1 ލައްކަ ޓާކާ (805 ޑޮލަރު) ގެ ދަރަންޏެއް އެޅިފައިވާ ކަމަށް ހާން ބުންޏެވެ. އެ ގައުމުގެ ހެދުން އުފައްދާ ދާއިރާގެ އެންމެ ކުޑަ އުޖޫރަ އެންމެ ފަހުން މުރާޖައާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު އަހަރީ އިންފްލޭޝަން ވަނީ 8.34 އިންސައްތައަށް އަރާފައެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ އިންފްލޭޝަން 7.22 އިންސައްތައިގައި އަދި ކާބޯތަކެތި ނޫން އެހެނިހެން ހަރަދުތަކުގެ އިންފްލޭޝަން 9.30 އިންސައްތައިގައި ހިމެނެއެވެ. ވޯލްޑް ބޭންކުގެ ޑާކާ އޮފީހުގެ ކުރީގެ ލީޑް އިކޮނޮމިސްޓް ޒާހިދު ހުސައިން ވިދާޅުވީ، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މެދުނުކެނޑި އިންފްލޭޝަން މަތިވަމުން ދިއުމުގެ ސަބަބުން ކުޑަ މުސާރަ ލިބޭ މަސައްކަތްތެރިންގެ ގަތުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އާމްދަނީގެ އަސްލު އަގު ދަށަށް ދިއުމުން ދުވަހުން ދުވަހަށް ކުރާ ހަރަދުތައް ކުޑަކުރަން މަޖުބޫރުވާ ކަމަށާއި، ސަރުކާރު މުވައްޒަފުންގެ މުސާރަ ފަހުން ބޮޑުކުރުމާ ގުޅިގެން އަމިއްލަ ސިނާއަތްތަކުގެ މަސައްކަތްތެރިން ވެސް އެފަދަ ލުޔަކަށް އުންމީދުކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުޒާހަރާތައް ހޫނުވެ، އާދީއްތަ ދުވަހު ޑާކާގެ ބޭރުގައި އޮންނަ އަޝޫލިއާ ސިނާއީ ސަރަހައްދުގެ ޖަމްގޯރާގައި ކުރިއަށްދިޔަ އެއްވުމެއްގައި ބޭގަމް ވެސް ބައިވެރިވިއެވެ. އެ އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށް، އެތައް ބަޔަކު ހައްޔަރުކޮށްފައެވެ. ބަންގްލަދޭޝް ގާމެންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީޖީއެމްއީއޭ) އިން ބުނި ގޮތުގައި، އާދީއްތަ ދުވަހުގެ މުޒާހަރާތަކުގެ ސަބަބުން 529 ކާރުހާނާއެއްގެ މަސައްކަތަށް ބުރޫއަރައި، ގާތްގަނޑަކަށް އެއް މިލިއަނެއްހާ މަސައްކަތްތެރިންނަށް އޭގެ އަސަރުކުރިއެވެ. އިއްޔެ ވެސް ޖެހިޖެހިގެން ތިންވަނަ ދުވަހަކަށް މަސައްކަތްތެރިން މަގުތަކަށް ނުކުމެފައިވާއިރު، އުތުރު ޑާކާގެ ގާޒީޕޫރު ސަރަހައްދުގައި ޑާކާ-ޓަންގާއިލް ހައިވޭ ބަންދުކޮށް، ބައެއް އުޅަނދުތަކަށް ގެއްލުންދީ އަލިފާން ރޯކޮށްލިއެވެ. އަދި އަވަށްޓެރި މީރުޕޫރު ޑިސްޓްރިކްޓުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގިއެވެ.
އާބާދީގައި 170 މިލިއަން މީހުން ހިމެނޭ ބަންގްލަދޭޝްއަކީ އަންނައުނު އުފައްދާ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ އުޖޫރަ ދޭ އެއް ގައުމެވެ. އެގޮތުން ކެމްބޯޑިއާގައި ހެދުން އުފައްދާ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރައަކީ މަހަކު 210 ޑޮލަރު ކަމަށްވާއިރު، ވިއެޓްނާމުގައި މި އަދަދު އުޅެނީ 140 ޑޮލަރާއި 210 ޑޮލަރާ ދެމެދުގައެވެ. އަދި ޗައިނާގެ އުފެއްދުންތެރިކަމުގެ މައި މަރުކަޒެއް ކަމަށްވާ ގުއާންޑޮންގްގައި މަސައްކަތްތެރިންގެ އުޖޫރަ އުޅެނީ 286 ޑޮލަރާއި 378 ޑޮލަރާ ދެމެދުގައެވެ.
މަސައްކަތްތެރިންގެ ޑިމާންޑްތައް ދިރާސާކުރުމަށްޓަކައި ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވޭޖް ބޯޑެއް އެކުލަވާލިކަން ބަންގްލަދޭޝް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. މި ބޯޑު އިއުލާންކޮށްފައިވަނީ މަސައްކަތްތެރިކަމުގެ ގާނޫނަށް ބަދަލުގެނެސް، އުޖޫރަ މުރާޖައާކުރާ މުއްދަތު ފަސް އަހަރުން ތިން އަހަރަށް ކުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިހާރު ހިނގަމުންދާ ތިން އަހަރުގެ މުއްދަތު އަންނަ ޑިސެންބަރު މަހަށް ހަމަވާނެއެވެ. މި މައްސަލައާ ގުޅިގެން ބޮޑުވަޒީރު ތާރިގު ރަހްމާން އާދީއްތަ ދުވަހު ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވެވިއެވެ. އަދި ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ކާރުހާނާތަކުގެ ވެރިންނާ ބައްދަލުކުރައްވައި، މަޝްވަރާގެ ތެރެއިން އާ އުޖޫރައެއް ކަނޑައަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވިއިރު، ލޭބާ މިނިސްޓަރު އަރީފުލް ހައްގު ޗައުދަރީ ވަނީ ވޭޖް ބޯޑުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެ، އެނބުރި މަސައްކަތަށް ނުކުތުމަށް އިލްތިމާސްކުރައްވާފައެވެ.
އެ ބޯޑުގައި މަސައްކަތްތެރިން ތަމްސީލުކުރައްވާ ބާބުލް އަހްތަރު ވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ މުސާރައިން ފެށިގެން އާ އުޖޫރައަށް އަމަލުކުރަން ފެށުމަށް ގޮވާލައްވާފައެވެ. އަދި މުޒާހަރާކުރާ ފަރާތްތައް މަސައްކަތަށް ނުކުތުމަށް އެދިވަޑައިގެން، ހައްޔަރުކޮށްފައިވާ މަސައްކަތްތެރިން ދޫކޮށްލުމަށާއި އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ވެސް އޭނާ ޑިމާންޑްކުރެއްވިއެވެ.
ބީޖީއެމްއީއޭގެ އޮފިޝަލެއް އަދި ކިއުޓް ޑްރެސް އިންޑަސްޓްރީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ޝައިހް ހުސައިން މުހައްމަދު މުސްތަފިޒު ވިދާޅުވީ، އެކަށީގެންވާ އުޖޫރައަކާއި ވަޒީފާގެ ރައްކާތެރިކަން ދެމެހެއްޓޭނީ ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރުމުގެ ގާބިލުކަމާ އެކުއެކީގައި ކަމަށެވެ. ބައިނަލްއަގުވާމީ ބްރޭންޑްތަކުން ތަކެތި ގަންނަ އަގު ހެޔޮވެފައި އިންސާފުވެރި އަގެއް ނުލިބޭ ނަމަ، މުސާރަ ބޮޑުކުރުމުން ކާރުހާނާތަކަށް ބާރުބޮޑުވެ ވަޒީފާތަކަށް ނުރައްކާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އުޖޫރަ ބޮޑުކުރުމަކީ ހަމައެކަނި އުފެއްދުންތެރިންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ބަންގްލަދޭޝްގެ ފޭރާން ގަންނަ ދުނިޔޭގެ ބްރޭންޑްތަކުން ހަރުދަނާ އުސޫލުތަކާއި އިންސާފުވެރި އަގުތަކެއް ދީގެން އެ ޒިންމާގައި ބައިވެރިވާންޖެހޭ ކަމަށް މުސްތަފިޒު ފާހަގަކުރެއްވިއެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ޓެކް ގްލޯބަލް އިންސްޓިޓިއުޓްގެ ސީނިއާ ފެލޯ ތަގްބީރު ހުދާ ތުހުމަތުކުރެއްވި ގޮތުގައި، މަސައްކަތްތެރިން އުފައްދާ އަންނައުނުން ލިބޭ ފައިދާގެ އެންމެ ބޮޑު ބައެއް ނަގާ ހުޅަނގުގެ ބްރޭންޑްތަކުން މަސައްކަތްތެރިންގެ ހައްގުތަކަށް އަޅާލާފައެއް ނުވެއެވެ. މިއަހަރު އެކުލަވާލަންޖެހޭ ވޭޖް ބޯޑު އިއުލާންކުރީ ވެސް މަސައްކަތްތެރިން މުޒާހަރާކުރަން ފެށުމުން ކަމަށާއި، އިންފްލޭޝަނާއި ދިރިއުޅުމުގެ ހަރަދުތަކުގެ މައްސަލައަށް ހައްލެއް ނުގެންނަ ނަމަ ހަމައެކަނި ބޯޑެއް ހެދުމަކުން މަސައްކަތްތެރިންގެ ޑިމާންޑްތައް ނުފުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭގަމް ބުނި ގޮތުގައި ސަރުކާރުން ހަމައެކަނި ވައުދުވަނީއެވެ. އަދި އުޖޫރަ ބޮޑުވާނެ ދުވަހަކާއި ބޮޑުވާނެ މިންވަރެއް ސަރުކާރުން ބުނެދީފައި ނުވާއިރު، އާ އުޖޫރައެއް ކަނޑައެޅުން ދިގުލައިގެން ދިއުމަކީ އާއިލާއަށް ކާންދިނުމަށް އިތުރު މަހެއްގައި އުފުލަންޖެހޭ ތަކުލީފެއް ކަމަށާއި، މުސާރަ ބޮޑުވުމާއެކު ކާބޯތަކެތީގެ އަގުތައް ވެސް ތިރިވާންޖެހޭ ކަމަށް އޭނާ ބުންޏެވެ.
