ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި ހެކަތަން ބާއްވާފައިވަނީ 'ބޭންކިން ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމާ އެކްސްޕީރިއެންސް' މި ތީމްގެ ދަށުން ކަމަށެވެ. 30 އަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހެކަތަން ކާމިޔާބުކުރީ:

  • އަހްމަދު މަހުފޫޒު، ހުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިން
  • މުހައްމަދު އާތިކް ޢަލީ ރިޟާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކާ
  • މުހައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުހައްމަދު އީމާން – ހުށަހަޅާފައިވަނީ ޕަރސަނަލް ފައިނޭންސް މެނޭޖާ

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ފިންޓެކް ކޮމިއުނިޓީ ގެ ފަރާތުން މި ހެކަތަން އަށް ދިން ޝައުގުވެރިކަމަކީ ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް ކަމަށެވެ. މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓަރސް އަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން.
ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން

މި ހެކަތަންގައި ހޮވޭ 3 ޓީމުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި މުއްދަތުގައި ބޭންކުގެ ފަރާތުން މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުމާއި ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ ދިނުން އަދި ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް ހަދަން ޖެހޭ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.