އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ރައްޔިތުންނަށް ހަގީގީ ވަގުން ދައްކާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، ހއ. އިހަވަންދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ދިވެހިރާއްޖޭގައި ތިބި ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަކޮށްދެއްވުން ކަމަށެވެ. މިއަދު މީހުންނާ ދިމާއަށް ވަގަށް ގޮވިދާނެ ކަމަށާއި, ނަމަވެސް އަސްލު ވަގުންނަކީ ކޮބައިކަން އެނގޭނީ މައްސަލަތައް ބަލައިލުމުން ކަމަށް ވެސް ޔާމީން ފާހަގަ ކުރެެއްވިއެވެ.
އެކަމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމެއް ކަމަށާއި އެންމެ ގިނައިން، ބޮޑެތި ވަގުން ތިބީ މި ސަރުކާރުގައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ބޮޑެތި މަންފާ ނެގީ އެމްޑީޕީގެ މަޖިލިސް މެންބަރުން ކަމަށެވެ.
މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެވޭ ތުހުމަތުތަކެއް ފެންނަން ހުރި ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، ރައީސް ކަމުގެ މަގާމުގައި ހުންނަވާ ފަރާތެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވިއްޖެނަމަ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށެވެ.
ޔާމީން ވިދާޅުވީ، ޕީޕީއެމް އަށް އަންނަ އަހަރުގައި ވެރިކަން ލިބިއްޖެނަމަ، ރައްޔިތުންނަށް ކަޅު ފައިސާގައި ޖެހުނު މީހުންނާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މީހުން ހާމަ ކުރައްވާނެ ކަމަށެވެ.
އެއީ އެމަނިކުފާނު ވަރަށްބޮޑަށް ފުއްދަވަން ބޭނުންފުޅުވާ ވައުދެއް ކަމަށް ވިދާޅުވިއެވެ.
ޙަމަޖެހޭ ވާހަކައެއްނޫން. ކީއްވެ ވެރިކަން ލިބެންދެން މަޑުކުރަނީ