ދިވެހިރާއްޖޭގެ އާބާދީ އުމުރުން ދޮށި ވަމުންދާއިރު، މުސްތަގުބަލުގެ ހަމަޖެހުމާއި ކުރިއެރުން ކަށަވަރުކުރުމުގައި ދިވެހި ޒުވާނުންނަށް އެިންވެސްޓް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާކަމަށާއި، އުމުރުގެ ގޮތުން ދޮށީ މުޖުތަމަޢެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ދުވަހުގެ މުނާސަބަތުގައި ހިއްސާ ކުރި އިތުރު މެސެޖެއްގައި ރައީސް ވަނީ މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުމާއި، ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ދަރިމައިވުމާއި ގުޅުންހުރި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ސިއްހީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރުކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމަ އެހެންމެ، ދުރު ރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ގައުމީ ހަގީގަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ގައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައެވެ.